ފަރުޟު 5 ނަމާދު އަދާކުރަމުން ގެންދާ މީހާއަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އުފާވެރިކަމުގެ ޚަބަރު ދެއްވަވައިފައެވެ. ކުޑަކުޑަ އުފާވެރިކަމެއްގެ ޚަބަރެއް ނޫނެވެ. ވަރަށް ބޮޑު އުފާވެރިކަމެއްގެ ޚަބަރެވެ.
"ފަރުޟް 5 ނަމާދު، އެއް ނަމާދާއި އަނެއް ނަމާދާއި ދެމެދު، އެއް ހުކުރުން އަނެއް ހުކުރަކީ، (އެއްހުކުރުން އަނެއް ހުކުރާ ދެމެދު) ބޮޑުފާފައަކަށް އަރައި ނުގަންނަހައި ހިނދަކު، އެމީހާއަށް އެދެ އަޅުކަމުގެ ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއަކަށް ވެގެންދާނެ އަޅުކަމެކެވެ."
(ޞަޙީޙް މުސްލިމް: 342)
ބައެއް މީހުން ތިބެނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ބޭއިޚްތިޔާރުގައިވެސް ކުދިފާފަތައް ކުރެވޭތީއެވެ. ކަންބޮޑުވުމަކީ އޮތް ކަމެކެވެ. ނަމަވެސް މިޙަދީޘްފުޅުން މިދަނީ އެފަދަ މީހުންނަށް ވަރަށް އުފާވެރި ޚަބަރެއް ލިބިގެންނެވެ.
މިއުފާވެރި ޚަބަރު އައްޑަނައަކަށް ހަދައި ފާފައިގައި މިން އަޅައިގެން ފާފަކުރަން މަސައްކަތް ނުކުރާށެވެ! މުސްލިމުންނަށް އޮތީ ކިތަންމެ ކުޑަނަމަވެސް ފާފައެއް ކުރުމާއި ދުރުހެލިވުމެވެ. އެއްވެސް ވަރެއްގެ ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އަދި އެންމެ އުފާވެރި ޚަބަރަކީ އެއްވެސް ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރުމަކީވެސް އެމީހާގެ ނަފްސާއި ދެކޮޅަށް ކުރެވޭ މަތިވެރި ޖިހާދެއް ކަމެވެ. އެކަމުގެ ސަބަބުން އެމީހަކަށް ގިނަގުނަ ސަވާބު ދެއްވަވާނެ ކަމެވެ.
ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި މި ޙަދީޘްފުޅުގައި "އެއް ހުކުރުން އަނެއް ހުކުރަށް" އޮތް ބަސްފުޅުގެ މާނައަކީ ހަމައެކަނި ހުކުރު ނަމާދުކުރުމެއް ނޫނެވެ. މުސްލިމުންނަކީ ހަމައެކަނި ހުކުރު ނަމާދުކުރަން އޮތް ބައެއް ނޫނެވެ. ހުކުރު ނަމާދު ހިމެނިގެންދާނީ ހަފްތާގެ ތެރޭގައި ކޮންމެހެން ކުރަންޖެހޭ 35 ނަމާދުން އެންމެ ނަމާދަކަށެވެ. ވީމާ މުސްލިމުންނަށް އޮތީ ހަފްތާގައި ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭ 5 ނަމާދު އަދާކުރުމެވެ. ހަފްތާގައި ކުރަންޖެހޭ 35 ނަމާދު ހަމަކުރެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން