ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 24

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 24

ހަނގުރާމައިގެ ހަތަރުވަނަ ދުވަސް: ޤާދިސިއްޔާގެ ދުވަސް

ހަނގުރާމައިގެ ހަތަރުވަނަ ދުވަހަކީ، ހަނގުރާމައިގެ ނަތީޖާ ކަނޑައެޅުނު ދުވަހެވެ. މި ހަނގުރާމަ ހިނގަމުންދިޔައީ ޤާދިސިއްޔާގެ ބިމުގައެވެ. އެ ދުވަހަށް ނަންދެވިފައިވަނީ [ޤާދިސިއްޔާގެ ދުވަސް] މި ނަމުންނެވެ. އެދުވަހުގެ ހަނގުރާމަ ފެށުނީ، ފަތިހު މޫނު އަނދިރިކޮށް ހުއްޓައެވެ. އެދުވަހު މުސްލިމުން ހަނގުރާމަކުރަމުން ގެންދިޔައީ، ނުގުޑާފަދަ ވަރުގަދަ އަޒުމަކާއި އާދަޔާޚިލާފު ޖޯޝާއި ފޯރީގައެވެ. އަލްޤަޢުޤާޢު ބިން ޢަމްރު އެކަލޭގެފާނުގެ ލަޝްކަރަށް ގޮވައިލެއްވިއެވެ. [ސިންގާތަކެއް ފަދަ އަހަރެންގެ އެކުވެރިންނޭވެ! ދުޝްމަނުންނަށް ހަމަލާދިނުމުގައި އަހަރެމެން އިސްނަގައި، އަދި ސާބިތުކަމާއެކު ކެތްތެރިވެ ތިބެވިއްޖެނަމަ، މިއަދު ކާމިޔާބާއި ނަސްރު ލިބޭނެކަން ކަށަވަރެވެ.]

އެކި ޤަބީލާތަކުގެ މީހުންނަށް މި އަޑު އިވުމުން، އެބައިމީހުންގެ ތެރެއިން ބައެއް ވެރިން ބަސްބުނުމަށް ތެދުވިއެވެ. އެގޮތުން، ޤައިސް ބިން ޢަބްދު ޔަޣޫޘްއާއި، އަލްއަޝްޢަޘް ބިން ޤައިސްއާއި، ޢަމްރު ބިން މަޢްދީކަރިބްއާއި، އިބްނު ޛިއްޞަޙްމައިން އަލްޚަޘްޢަމީ އަދި އިބްނު ޛިލްބުރުދައިން އަލްހިލާލީ ކޮޅަށް ތެދުވެވަޑައިގެން ގޮވައިލެއްވިއެވެ. [އޭ އަހަރެމެންގެ ޤައުމުގެ މީހުންނޭވެ! މިއަދަކީ އަހަރެމެންގެ ކެތްތެރިކަމާއި ފިރިހެންވަންތަކަން އިމްތިޙާން ކުރެވޭނެ ދުވަހެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ރައްކާތެރިވެ ހުޝިޔާރުވާށެވެ! އަލިފާނަށް އަޅުކަންކުރާ މި ފާރިސީންނާ ހަނގުރާމަކޮށް، ޝަހީދުވުމުގެ އުފާވެރިކަން ލިބިގަންނާށެވެ.]

ރުސްތުމްގެ އައު ހިކުމަތްޢަމަލީ

ފާއިތުވެދިޔަ ތިން ދުވަހުގެ ހަނގުރާމައިގެ މައްޗަށް ވިސްނާލުމަށްފަހު، ރުސްތުމް ހަނގުރާމައިގެ އުކުޅުތައް އެއްކޮށް ބަދަލުކޮށްލިއެވެ. އެހެނީ އޭނާގެ ލަޝްކަރުގެ މީހުން ވަކިވަކިން ކުރިމަތިލައިގެންނާއި، އެއްކޮށް ކުރި ހަނގުރާމައިގައި އެއްވެސް މޮޅެއް ލިބިފައެއް ނެތެވެ. އެދެވޭ ނަތީޖާއެއް ހޯދިފައެއް ނެތެވެ. އޭނާ ހަނގުރާމައަށް ގެނައި ބިޔަ އެތްތަކުގެވެސް އެއްވެސް ބޭނުމެއް ހިފިފައެއް ނެތެވެ. ކުރި ހުރިހާ ހިތްމަތާއި މިންނަތެއް ފެނަށްވެގެންދިޔުމުން، އާ އުކުޅުތަކެއް ރާވާލަން މަޖުބޫރުވީއެވެ. އެހެންކަމުން، ހަތަރުވަނަ ދުވަސް ފެށުމާއެކު، ރުސްތުމް ރޭވީ އެއްފަހަރާ އިސްލާމީ ލަޝްކަރަށް ކުއްލި ހަމަލާއެއް ދިނުމަށެވެ.

މުސްލިމުން އެބައިމީހުންގެ އާދައިގެމަތިން، އެކަހެރިކޮށް ހަނގުރާމަކުރާނެ މީހަކު އައުމަށް ގޮވާލިއެވެ. ނަމަވެސް، ދުޝްމަނުންގެ އެއްވެސް މީހަކު ވަކިވަކިން އައިސް ހަނގުރާމަކުރާކަށް ބޭނުމެއް ނުވިއެވެ. ރުސްތުމް އޭނާގެ ލަޝްކަރު ތޭރަ ބަޔަށް ބައިކޮށްލިއެވެ.

މުޖާހިދުން ތިއްބެވީ ދުޝްމަނުންނަށް އެއްފަހަރާ ވަރުގަދަ ހަމަލާއެއް ދިނުމަށްޓަކައި، ނުހަނު ކެތްމަދުވެފައެވެ. އިސްލާމީ ލަޝްކަރުގެ އަމީރު ސަޢުދު ބިން އަބީ ވައްޤާޞްގެ އާދަފުޅަކީ، ހަނގުރާމައަށް ލަޝްކަރު ތައްޔާރުކުރެއްވުމުގެ ގޮތުން ތިން ފަހަރު ތަކުބީރު (ﷲ އަކްބަރު) ކިޔުމެވެ. ހަތަރުވަނަ ފަހަރަށް އެކަލޭގެފާނު ތަކުބީރު ގޮވައިލެއްވުމާއެކު، ހަނގުރާމަ ފަށައެވެ.

ނަމަވެސް، އަލްޤަޢުޤާޢުއާއި އެކަލޭގެފާނުގެ ހިތްވަރުގަދަ ބައިވެރިން، ތަކުބީރުތަކުގެ އަޑަށް އިންތިޒާރުކުރެއްވުމެއްނެތި، ހަމަލާދެއްވަން ފެއްޓެވިއެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ، އެކަލޭގެފާނު އެ ހަމަލާ ދެއްވީ، ސަޢުދުގެފާނުގެ ހުއްދަ ލިބިވަޑައިނުގަންނަވަނީހެވެ. އޭރު ސަޢުދު ބިން އަބީ ވައްޤާޞް ހުންނެވީ ޤަޢުޤާޢުގެ ހަރަކާތްތަކަށް ބައްލަވާށެވެ. އެޒަމާނުގެ އާންމު އުސޫލުތަކަށް ބަލާއިރު، ޤަޢުޤާޢު ކުރެއްވި ކަމަކީ އާންމު ގަވާއިދާ ޚިލާފު ކަމެކެވެ. ނަމަވެސް، ސަޢުދުގެފާނު ނިންމެވީ އަލްޤަޢުޤާޢުގެ އެ ނިންމެވުމަކީ، އެވަގުތުގެ ހާލަތަށް އެންމެ މުނާސަބު، އެކަށީގެންވާ ނިންމެވުމެއް ކަމުގައެވެ. ސަޢުދުގެފާނަކީ އެކަލޭގެފާނު ކުރައްވާ ކޮންމެ ދުޢާއެއް އިޖާބަކުރައްވާ ބޭކަލެކެވެ. އެކަލޭގެފާނު ދުޢާއެއް ކުރައްވައިފިނަމަ، އެ ދުޢާއަކާމެދު ނާއުއްމީދުވެވަޑައިގަންނަވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. ސަޢުދުގެފާނު ދެއަތްޕުޅު އުފުއްލަވައި، އަލްޤަޢުޤާޢަށް ނަޞްރާއި ކާމިޔާބު ދެއްވުން އެދި، ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވިއެވެ. އެއަށްފަހު، ސަޢުދުގެފާނު އާދައިގެމަތިން ތިން ފަހަރު ތަކުބީރު ގޮވައިލެއްވުމާއެކު، މުޅި ލަޝްކަރު އެއްކޮށް ހަނގުރާމައަށް ތައްޔާރުވެއްޖެއެވެ.

- ނުނިމޭ -

މިއަދު އޮންލައިން