ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި

ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ނިޔާވެފައިވާ ފުލުހުންގެ ޒިކުރާ އައުކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ "ޕޮލިސް މެމޯރިއަލް ޑޭ"ގެ ހަރަކާތްތައް ރަސްމީކޮށް ފަށައިފިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން، ރޭ 00:00 ގައި އިސްކަންދަރު ބިލްޑިންގުގައި ހުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 23 ވަނަ ދުވަހަކީ ފުލުހުންގެ މެމޯރިއަލް ދުވަހުގެ ގޮތުގައި ހަމަޖައްސާފައިވާ ދުވަހެވެ.

މި ދުވަސް ފާހަގަކުރަނީ ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް ނުވަތަ އެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވި އެކިއެކި ހާދިސާތަކުގައި ނިޔާވެފައިވާ ފުލުހުންގެ ހަނދާންތައް އައުކުމުގެ ގޮތުންނެވެ. އަދި އެ ފުލުހުން ގައުމަށްޓަކައި ވެފައިވާ މަތިވެރި ގުރުބާނީއާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް، އެ ޒިކުރާ އައުކުރުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު ބޭނުމެކެވެ.

މެމޯރިއަލް ޑޭގެ ހަރަކާތްތައް މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައި ބަހައްޓާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ، މި ދުވަހުގެ މުނާސަބަތުގައި ބައިދަނޑިއަށް ތިރިކުރެވޭނެއެވެ.

ފުލުހުންގެ ޚިދުމަތުގައި ދެމިތިއްބާ ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި ކޮންމެ އަހަރަކުވެސް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން