އުކުޅަހު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 84 އިންސައްތަ ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އުކުޅަހު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 84 އިންސައްތަ ނިމިއްޖެ

އއ. އުކުޅަހު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމި، މަސައްކަތުގެ 84 އިންސައްތަ މިހާރު ފުރިހަމަވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ހާމަކޮށްފިއެވެ.

ސަރުކާރުން އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތާއި ބަނދަރު ފުންކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމުން ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ބަނދަރު ފުންކުރުމުގެ މަސައްކަތާއި، ބަނދަރުގެ ހިމާޔަތަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، ބަނދަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި ބްރިޖެއް އެޅުމާއި ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ. މި ވަސީލަތްތަކާއެކު އުކުޅަހު ބަނދަރަކީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ ބަނދަރަކަށް ވެގެންދާނެއެވެ.

އުކުޅަހަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފުޅާދާއިރާއެއްގައި މަސައްކަތްކުރާ ރަށަކަށް ވުމާއެކު، ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމުމުން އެ ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބި، އުޅަނދުފަހަރަށް ބަނދަރު ބޭނުންކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން