ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމި، މަސައްކަތުގެ 93 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށީގައި ހިލަ ޖެހުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މި މަސައްކަތް ނިމުމާއެކު ބަނދަރުގެ މައިގަނޑު އޮނިގަނޑުގެ މަސައްކަތްތައް އެއްކޮށް ނިމުމަކަށް އަންނާނެއެވެ.
މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި އައު ބަނދަރާއި ނެރު ފުންކުރުމާއި، ބޭރުތޮށި ޖެހުމާއި، ކީވޯލް އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން މޫރިންގ ބްލޮކްސް ހަރުކުރުމާއި، އުޅަނދުފަހަރު އެރުވުމަށް ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ބަނދަރުގެ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބަނދަރު ސަރަޙައްދުގައި ޕޭވްމެންޓްލުމާއި، ރޭގަނޑު ވަގުތުތަކުގައި އަލިކަން ފޯރުކޮށްދިނުމަށް ބަނދަރު ބައްތި ނުވަތަ ލައިޓްސް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 47.09 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢު ނިމުމުން ބިލެތްފަހީގެ ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.