ދިވެހި ޕާސްޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ އިންތިޒާމުތަކަކާއެކު މޯލްޑިވްސް އިމިގްރޭޝަނުން އައު ބަދަލުތަކެއް މިއަދު އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ، އަލީ އިޙުސާނެވެ.
އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އިސްރަށްވެހިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ އިންތިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމާއި އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމަށް އެހީތެރިވުމަށް ޚާއްޞަ ފެސިލިޓީއެއް ވަނީ ތައާރަފުކޮށްފައެވެ. އަދި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އަރާމު މާހައުލެއް ފޯރުކޮށްދިނުމަށް އިންތިޒާރުކުރާ ސަރަޙައްދު އިތުރަށް ފުރިހަމަކޮށް، މަޢުލޫމާތު ސާފުކުރުމަށް ޚާއްޞަ ކައުންޓަރެއް ވެސް ވަނީ ގާއިމުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރިޓަޔަރޑް) އަޙްމަދު ފަސީޙު ވިދާޅުވީ، ދިވެހި ރައްޔިތުންނާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ޚިދުމަތަކީ ޕާސްޕޯޓުގެ ޚިދުމަތް ކަމަށްވާއިރު، އެ ޚިދުމަތް މެދުނުކެނޑި ތަރައްޤީކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ދިވެހި ޕާސްޕޯޓުގެ ޚިދުމަތަކީ އަޅުގަނޑުމެން ރައްޔިތުންނަށް ސީދާ ފޯރުކޮށްދޭ އެންމެ މުހިންމު އެއް ޚިދުމަތް. މިއަދު ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބެން ހުރިއިރު، އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ރައްޔިތަކަށްވެސް އެއްވެސް ތަކުލީފެއް ނެތި، ފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން،" ފަސީޙު ވިދާޅުވިއެވެ.
މި އައު ބަދަލުތަކަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މީގެ ސަބަބުން ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް އިތުބާރު ހުރި އަދި އަވަސް ޚިދުމަތެއް ލިބިގެންދާނެ ކަމަށް އެ މުއައްސަސާއިން ހާމަކުރެއެވެ.