މިހާމަދުން އަޅުކަންކުރެވޭއިރު އެންމެ ގިނަ ޘަވާބު ލިބެން އޮތް ގޮތަށް ކުރަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މިހާމަދުން އަޅުކަންކުރެވޭއިރު އެންމެ ގިނަ ޘަވާބު ލިބެން އޮތް ގޮތަށް ކުރަމާ!

އަޅުކަންކުރުމުގައި ދެގޮތެއް އެބައޮތެވެ. އެއްގޮތަކީ މީސްތަކުންނަށް ފެންނަ ގޮތަށް އަޅުކަންކުރުމެވެ. ދެވަނަ ގޮތަކީ މީސްތަކުންނަށް ނުފެންނާނެ ގޮތަށް ކުރުމެވެ.  

ފަރުޟް ނަމާދުތަކަށް ބަލައިފިނަމަ ފިރިހެނުންނަށް ކުރަން އޮތީ މިސްކިތުގެ ޖަމާޢަތުގައެވެ. މިސްކިތުގެ ޖަމާޢަތަށް ދިއުމުން ގިނަ ބައަކަށް ފެންނާނެއެވެ. އެހެންކަމާއިއެކުވެސް އަންގަވާފައި އޮތީ މިސްކިތުގެ ޖަމާއަތަށް ދިއުމަށެވެ. އަދި ޘަވާބާއި ދަރުމަވަނީ 27 ގުނައަށް އިތުރުވެސް ކުރައްވަވައިފައެވެ.  

ސުންނަތް އަޅުކަމަށް އޮތީ އެއިގެ އަނެއްކޮޅެވެ. އިތުރުކަން ބޮޑުވެގެންވަނީ ސިއްރިޔާތުގައި ކުރުމުންނެވެ. މާނައަކީ އެއްވެސް އިތުރު މީހަކަށް ނުދައްކައި ހަމައެކަނި ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކޮށްގެން ކުރުމުންނެވެ.

ނަމަވެސް ގިނަ ބައަކަށް ފަސޭހަވަނީ އަދި ކުރަން ބޭނުންވަނީވެސް ވީހާގިނަ ބައަކަށް ފެންނާނެ ގޮތަށެވެ.  އަދި އެކަނިހުރެ ކޮށްފައި އެކަމުގެ ވާހަކަ އެހެން މީހުންގެ ގާތުގައި އެބަ ދައްކައެވެ. އެއިރުން އެނަގައިލެވެނީ އެކަމުން ލިބެން އޮތް ޘަވާބެވެ. އަނެކާއަށް ހިތްވަރުދިނުން ފަދަ ކަމަކަށް ނޫނީ ތިމާކުރާ އަޅުކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ.  

ބުނަން ހެއްޔެވެ؟ އެކަނި ހުރެ އިޚްލާޞްތެރިކަމާއިއެކު ކުރާ ކިތަންމެ ކުޑަ އަޅުކަމަކަށްވެސް އެންމެ ގިނަ ޢަދަދަކަށް ޘަވާބު ދެއްވަވައެވެ. އެއީ އެކަންކުރީ ހަމައެކަނި ﷲ ތަޢާލާއަށް ދެއްކުމަށް ކަމަށްވާތީއެވެ.  

އަހުރެމެންނަށް އަޅުކަން މިކުރެވެނީ އެހައިމަދުންނެވެ. އެހެންކަމަށްވާއިރު އެންމެ ގިނަ ޘަވާބު ދެއްވަވަން އޮތްމަގުން ކުރަމާ ހިނގާށެވެ. އެމަގަކީ ސިއްރިޔާތުގައި އަޅުކަންކުރުން ގިނަކުރުމެވެ. ރޭއަޅުކަން ކުރުމުގައިވެސް ސަމާލުކަންދޭންވީ ދިރިއުޅުމުގެ ޙާލަތުހުރި ގޮތުން މަޖުބޫރުނުވާނަމަ ހަމައެކަކަށްވެސް ނުފެންނާނެ ގޮތަށް ސިއްރިޔާތުގައި ކުރުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން