ދުވަސްކޮޅަކު އެކަމަށް މަސައްކަތްކޮށްފައި ނުކުރެވޭނެ ކަމެއް ކަމަށް ބަލައި ތިބާ އެކަމުން ވަކިވެއްޖެނަމަ، އެކަންކުރުން ހުއްޓާލައިފިނަމަ ފޭލްވާނީ ތިބާއެވެ. ނަމަވެސް ހިތްވަރު ހުރި މީހުން ދާނީ އެކަމަށް މަސައްކަތްކޮށް އެކަން ޙާޞިލުކުރަމުންނެވެ.
މިދައްކަނީ ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡަކަށްވުމުގެ ވާހަކައެވެ. އެއީ ހަމަ ހުރެލާފައި ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. އެކަން ޙާޞިލްކުރެވޭނީ އެކަމަށް ހިތްވަރުލައި މަސައްކަތްކުރި މީހަކަށެވެ. ޙާފިޡުންނަށް ޤިޔާމަތް ދުވަހު ދެއްވަވާ ދަރަޖަ އެހައި މަތިވެރިވަނީ އެސަބަބަށްޓަކައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދަރިވަރުންނޭވެ! ހިތްވަރުކުރާށެވެ! ކަންނެތްވެ ފޫހިނުވާށެވެ! ކޮންމެ ގޮތަކުން ނަމަވެސް ޙާފިޡަކަށްވުމަށް ގަދައަޅައި ަމސައްކަތްކުރާށެވެ! މަސައްކަތްކޮށްފި މީހަކަށް ﷲ ތަޢާލާ އެކަން ފަސޭހަކޮށްދެއްވަވާނެތެވެ.
ވީމާ ކުރަން މިއޮތީ 2 ކަމެކެވެ. ފުރަތަމަ ކަމަކީ ކަންނެތްވުމާއި ދެކޮޅަށް ހަނގުރާމަކުރުމެވެ. 2 ވަނަ ކަމަކީ މާޔޫސްވެ ހުއްޓައި ނުލުމެވެ.
- މުފްތީ މެންކްގެ ދަރުސަކުން