މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ނިއުކްލިއިކް އެސިޑް ޓެސްޓިންގ (NAT) ގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއީ ރާއްޖޭގެ ލޭގެ ޚިދުމަތް ޒަމާނީ ފެންވަރަށް ގެންދިޔުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު ތާރީޚީ މަރުހަލާއެކެވެ.
ދިވެހިރާއްޖޭގައި އަލަށް ތައާރަފްކުރެވުނު މި ޚިދުމަތަކީ ހަދިޔާކުރާ ލޭގައި ހުރެދާނެ އެޗް.އައި.ވީ (HIV)، ހެޕަޓައިޓިސް ބީ (HBV) އަދި ހެޕަޓައިޓިސް ސީ (HCV) ފަދަ ބަލިތައް ދެނެގަތުމަށް ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ އެހީގައި އާދައިގެ ޓެސްޓުތަކަށްވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަގީންކަމާއެކު ބަލިތައް ދެނެގަނެވި، ލޭ އެޅުމުގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެއެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، މިއީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާ އެއްގޮތަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. "މި ޚިދުމަތް ތައާރަފް ކުރެވިގެން ދިޔުމަކީ، ލޭގެ ޚިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީ ކުރުމަށްޓަކައި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިޔުމަށް އެޅުނު މުހިއްމު ޤައުމީ އަދި ތާރީޚީ މަސައްކަތެއްގެ ފެށުމެއް" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އާ ޚިދުމަތަކީ ލޭގެ ޚިދުމަތުގެ ޤައުމީ މިންގަނޑުތަކާއި، މޯލްޑިވްސް ތެލަސޭމިއާ މާސްޓަރ ޕްލޭން 2024–2034 ގައި ކަނޑައަޅާފައިވާ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅުނު މުހިއްމު ބާރެކެވެ. މީގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ލޭގެ ޚިދުމަތް ބައިނަލްއަގްވާމީ ފެންވަރަށް ކުރިއަރައިގެންދާނެއެވެ.