ތެދު ޙަޖަމް ނުކުރެވިގެން ތެދު ދޮގަށް ހަދަންފެށި އިދިކޮޅު ފަރާތްތަކަށް ގޮތްހުސްވެ ދޮގުހެދުމުގަ ހައްދުން ނެއްޓިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 19ސ
ތެދު ޙަޖަމް ނުކުރެވިގެން ތެދު ދޮގަށް ހަދަންފެށި އިދިކޮޅު ފަރާތްތަކަށް ގޮތްހުސްވެ ދޮގުހެދުމުގަ ހައްދުން ނެއްޓިއްޖެ!

މުސާރަ ނުދެވިގެން މަތިމައްޗަށް ފައިސާ ޗާޕުކޮށްގެންވެސް ސަލާމަތް ނުވެވުނު އިދިކޮޅަށް ހަމަ ރަނގަޅަށްވެސް ރާކަނިމަސް ކެވިއްޖެއެވެ. ފިތިބާރުވެ އެމީހުން ފަދައިން ދަރަނިމައްޗަށް ދަރަނިނަގަންޖެހޭނެކަމަށް ހީކޮށް ދަތްތައް ދައްކައިގެން ތިއްބާ ޤައުމުގެ އިޤްޠިޞާދު ކުރިއަރައިދާތަން ފެނުމުން ސިކުނޑި ގޮވައި މޮޔަގޮވަން ފަށައިފިއެވެ.  

ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާހަކަތަކެކެވެ. މިއަދު ފެންނަމުންދަނީ އެމްޑީޕީގެ ސަރުކާރުން ވާރުތަކުރުވި ބޮޑު ދަރަނިން ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމު ސަލާމަތްކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ މަންޒަރެވެ. 

ދަރަނީގެ އަނދަވަޅަކުން ގައުމު ސަލާމަތްކުރުން: 

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ގައުމު އޮތީ އިގުތިސޯދީ ގޮތުން "މަރުގެ ތުންފަތް" މަތީގައެވެ. ދައުލަތުގެ ޖުމްލަ ދަރަނި 124 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި ހުރިއިރު، މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 116 އިންސައްތައަށް ވުރެ މަތީ އަދަދެކެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެ ބަނގުރޫޓުވެދާނެ ކަމުގެ އިންޒާރު ދެމުންދަނިކޮށް، މި ސަރުކާރުން ވަނީ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 1.29 ބިލިއަން އެމެރިކާ ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާފައެވެ. 

ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، މި ދެއްކި ދަރަނީގެ ބޮޑު ބަޔަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ކަމެވެ. އެގޮތުން ސޯލިހު ސަރުކާރުން ނެގި 891.2 މިލިއަން ޑޮލަރާއި، ޔާމީން ސަރުކާރުގެ 195.7 މިލިއަން ޑޮލަރުގެ އިތުރުން މައުމޫން ސަރުކާރުގެ ދުވަސްވަރުގެ ދަރަނިތައް ވެސް މި ސަރުކާރުން ވަނީ އަދާކޮށްފައެވެ. މިއީ އިގުތިސޯދީ ގޮތުން މި ސަރުކާރުން ހޯދި ބޮޑު ކާމިޔާބީއެކެވެ.

ފައިސާ ޗާޕުކުރުން ހުއްޓާލުމާއި އިދިކޮޅުގެ ދޮގު އިލްޒާމްތައް:  

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ފަދަ އިދިކޮޅު ބޭފުޅުން މުވައްޒަފުންނަށް މުސާރަ ނުދެވޭނެ ކަމަށާއި، ޕެންޝަން ފަންޑުން ފައިސާ ނަގާ ކަމަށް ބުނެ ކުރައްވާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެކެވެ. ރޭ ބޭއްވި ޖޮބް ބުރާސްފަތި ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ މި ސަރުކާރުން ލޯނު އަދި ބޮޑު ސުކޫކެއް ދައްކާފައިވީ ނަމަވެސް މާދަމާވެސް މުވައްޒަފުންނަށް މުސާރަ ދޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

މައުރޫފް ވިދާޅުވީ މުސާރަދީ ނިންމާފައި ސަރުކާރުން ކުރާ ކަމަކީ އަނެއްކާ ދެން އަންނަ މަހު މުސާރަ ދޭނެ ގޮތެއް ހޯދުން ކަމަށެވެ. އަދި ޑޮލަރުގެ އަގު އިތުރަށް މަތިވާނެ ކަމަށްވެސް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅުން މިފަދަ ތުހުމަތުތައް ކުރިނަމަވެސް ރައީސް މުއިއްޒު ވަނީ ދައުލަތުން ފައިސާ ޗާޕުކުރުން މުޅިން ހުއްޓާލާފައެވެ. ކުރީގެ ފަސް އަހަރުގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާއިރު، މި ސަރުކާރުން ފައިސާ ޗާޕުކުރިކަމުގެ އެއްވެސް ހެއްކެއް ނެތެވެ.

ޕެންޝަން ފަންޑާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ޕެންޝަން އޮފީހުން ރަސްމީ އެއްވެސް ބަހެއް ބުނެފައި ނުވާއިރު، މިއީ ސިޔާސީ ބޭނުމަކަށްޓަކައި މާކެޓުގައި ޑޮލަރުގެ އަގު އުފުލައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން ދައްކާ ވާހަކަތަކެކެވެ. 

ޖީޑީޕީގެ ނިސްބަތުން ދަރަނި ކުޑަކުރުން:

މި ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކާއެކު ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރު ތިރިކޮށްފައެވެ. 2023 ވަނަ އަހަރު ނިމުނުއިރު 123.6 އިންސައްތައިގައި ހުރި ދަރަނި، މިހާރު ވަނީ 121.2 އިންސައްތައަށް ތިރިކޮށްފައެވެ. އަދި ބޭރުގެ ދަރަނި ވެސް 51.3 އިންސައްތައިން 44.5 އިންސައްތައަށް ވަނީ ކުޑަކޮށްފައެވެ. މީގެ މާނައަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލަށް ޖެހޭ ދަރަނީގެ މިންވަރު މި ސަރުކާރުން ވަނީ ކުޑަކޮށްދީފައެވެ.

ދެއަހަރާއި ބައިގެ ތެރޭގައި އަދާކުރި ބޭރުގެ ދަރަނީގެ މުހިންމު މައުލޫމާތު: 

ކުރީ ސަރުކާރުތަކުން ދެއްކި ދަރަނީގެ ތަފާސްހިސާބުތައް

މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި 1.29 ބިލިއަން ޑޮލަރު ދައްކާފައިވާއިރު، ސޯލިހުގެ ސަރުކާރުގެ އެ މުއްދަތުގައި ދައްކާފައިވަނީ 428.68 މިލިއަން ޑޮލަރު އަދި ޔާމީންގެ ސަރުކާރުން ދައްކާފައިވަނީ 191.25 މިލިއަން ޑޮލަރު ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ސަރުކާރުތަކުން ނަގާފައިވާ ދަރަނިތަކުން މި ސަރުކާރުން ދެއްކި ދަރަނި 

1.29 ބިލިއަން ޑޮލަރުގެ ތެރޭގައި ސޯލިހުގެ ސަރުކާރުން ނެގި 891.2 މިލިއަން ޑޮލަރު، ޔާމީންގެ ސަރުކާރުގައި ނެގި 195.7 މިލިއަން ޑޮލަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ނެގި 62.5 މިލިއަން ޑޮލަރުގެ އިތުރުން މައުމޫންގެ ސަރުކާރުން ނެގި 38.1 މިލިއަން ޑޮލަރު ހިމެނެއެވެ. 

ސަރުކާރުތަކުން ނެގި، ބާކީ ދައްކަން ޖެހޭ ދަރަނި:

ރައީސް ވިދާޅުވީ، މި ދަރަނިތައް މި ސަރުކާރުން ވެސް އަދި ކުރިއަށް އޮންނަ އޮތް ސަރުކާރަކުން ވެސް ދައްކަން ޖެހޭނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކަށް ފާޑުކިޔައި، ވަޒީފާއިން މީހުން ވަކިކުރާ ކަމަށް ބުނެ ދޮގު ޚަބަރު ފެތުރި ނަމަވެސް، ހަގީގަތަކީ ގައުމު މިއަދު މިސްރާބު ހިފާފައިވަނީ ހަމަ މަގަށެވެ. ކުރީ ސަރުކާރުތަކުން ގައުމު ވައްޓާލާފައި އޮތް ފުން އަނދަވަޅުން ގައުމު ނަގައި، އިގުތިސޯދު ހަރުދަނާކުރުމުގެ ބުރަ މަސައްކަތް ރައީސް ޑރ. މުއިއްޒު ގެންދަވަނީ ކުރައްވަމުންނެވެ. މި ހުރިހާ ކަމެއް ސަރުކާރުން ކޮށްފައިވާއިރު، މިހާތަނަށް އެއްވެސް ފައިސާއެއް އަދި ޗާޕްކޮށްފައެއް ނެތެވެ. އިދިކޮޅުގެ "ހަވާއަށް ތީރުޖެހުން" ހުއްޓާލައި، ގައުމީ މަސްލަހަތު އިސްކުރުމަކީ މިއަދު ކޮންމެހެން ބޭނުންތެރި ކަމެކެވެ.

 

މިއަދު އޮންލައިން