ކައިވެންޏަށް 20 އަހަރުގަ ފިރިމީހާއަށް ޚިޔާނާތްތެރިވެވުނު އަންހެނަކު ކައިވެނި ސަލާމަތްކުރަން ބޭނުންވުމުން ޢިލްމްވެރިޔާ ދެއްވި ލަފާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ކައިވެންޏަށް 20 އަހަރުގަ ފިރިމީހާއަށް ޚިޔާނާތްތެރިވެވުނު އަންހެނަކު ކައިވެނި ސަލާމަތްކުރަން ބޭނުންވުމުން ޢިލްމްވެރިޔާ ދެއްވި ލަފާ!

އަހުރެމެންގެ ކައިވެންޏަށް 20 އަހަރެވެ.

ދުވަހަކުވެސް އެއްވެސް މައްސަލައެއް ނުޖެހެއެވެ. މިހެން މިކަން އޮއްވައި ސޯޝަލް މީޑިއާއިން ވާހަކަ ދެކެވުނު މީހެއްގެ ބަހަށް ހެއްލެވި ބޭވަފާތެރިވެވިއްޖެއެވެ. އެކަން އިޙްޞާޞްވުމުން ވަރަށް ދެރަވިއެވެ. ފިރިމީހާގެ ކިބައިން މާފަށް އެދެން ވިސްނަމުންދަނިކޮށް އެކަން ފިރިމީހާއަށް އެނގިއްޖެއެވެ.  

ފިރިމީހާ ވަރަށް ދެރަވިއެވެ. ބުނަނީ ރަނގަޅުވާނީ ދެމީހުން ވަކިވުން ކަމަށެވެ. ނަމަވެސް އަހުރެން ބޭނުންވަނީ ކުށްތަކުރާރުނުކޮށް ފިރިމީހާއާއިއެކުގައި އުޅުމަށެވެ. މިޙާލަތުގައި ފިރިމީހާގެ އިތުބާރު އަނބުރާ ހޯދަން ކުރެވޭނީ ކޮން ކަމެއްތޯ؟

ޢިލްމްވެރިޔާގެ ޖަވާބު: ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. ތިއަ ޙާލަތުގައި އެންމެ ރަނގަޅުވާނީ ފިރިމީހާގެ ކިބައިން މާފަށް އެދި އޭނާގެ އަލުން އަތުލައިގަންނަން މަސައްކަތްކުރުމެވެ.  

ވީމާ ހިތްވަރުކޮށްފައި މަސައްކަތްފަށާށެވެ. ފިރިމީހާގެ ރުހުން ލިބޭނެހެން ހީވާ ހުރިހާ ކަމެއްވެސް ކުރަމުންގެންދާށެވެ. ދުވަސްކޮޅަކަށް ނަމަވެސް ސޯޝަލް މީޑިއާ ބޭނުންކުރުންވެސް ހުއްޓައިލާށެވެ. ފޯނު ފިރިމީހާއަށް ސިއްރުނުކުރާށެވެ.  

ތިބާއަކީ މުސްލިމަކަށްވުމުން ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. އެއިރުން ތިބާ އިޞްލާޙްވެއްޖެކަމަށް ޤަބޫލުކުރަން ފިރިމީހާއަށް ފަސޭހަވާނެއެވެ. ކުރެވުނު ކުށުގެ ވާހަކަ ނުދައްކާށެވެ. ތަނަވަސްކަން ހުރިނަމަ ދެމަފިރިން އެކުގައި ޢުމުރާވުމަށް މަސައްކަތްކުރާށެވެ.  

ރޭއަޅުކަންކޮށް ދުޢާކުރަމުން ގެންދާށެވެ. ކުށް އަލުން ނުކުރާނެކަމުގެ ޔަޤީންކަން ދޭންވީ ފިރިމީހާއަށް އެކަންޏެއް ނޫނެވެ. އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައިވެސް ވަޢުދުވެ ވަޢުދު ދަމަހައްޓާށެވެ. ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ  


- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ޖަވާބު-

- މިއަދުނޫސް

މިއަދު އޮންލައިން