ލޯބިވާކަމަށް ބުނަމުން ދޭނެ އެންމެ ބޮޑު ދެރައަށް ހޭލުންތެރި ނުވެވިއްޖެނަމަ އެކަންވާނީ އަމިއްލައަށް ލިބިގަނެވޭ އެންމެ ބޮޑު ދެރައަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ލޯބިވާކަމަށް ބުނަމުން ދޭނެ އެންމެ ބޮޑު ދެރައަށް ހޭލުންތެރި ނުވެވިއްޖެނަމަ އެކަންވާނީ އަމިއްލައަށް ލިބިގަނެވޭ އެންމެ ބޮޑު ދެރައަށް!

ލޯތްބަށް އިތުބާރުކުރާށެވެ! ލޯބި އެއްވެސް ކުށެއް ނުކުރާނެއެވެ. އެހެނަސް އަމިއްލަ ނަފުސުގެ ސަލާމަތާއި ަރއްކައުތެރިކަމަށްޓަކައި ހަމައެކަކަށްވެސް އިތުބާރުނުކުރާށެވެ! ކޮންމެ މީހަކީވެސް ކިތަންމެ ބޮޑު ދެރައެއްވެސް ދީފާނެ މީހެއްކަން ޔަޤީންކުރަންވާނެއެވެ.  

މިދެއްކެނީ ލޯބިވެގެން އުޅެމުން ކައިވެނިކުރުމުން ކުރަން ހުއްދަވާ ކަންކަން ނުކުރުމުގެ ވާހަކައެވެ. ކައިވެނިނުކޮށް ހަށިގަނޑުގައި ބީހުނަ ނުދިނުމުގެ ވާހަކައެވެ.  

ފުރަތަމަކަމަކީ ތިމާއަށް ދެރައެއް ދޭނީ ނުވަތަ ނިކަމެތިކޮށްލާނީ ކާކުކަން އެފަދަ އަނިޔާއެއް ލިބުމުގެ ކުރިން ނުއެނގޭނެ ކަމެވެ. ރައްކައުތެރިވެގެން ތިބުމަށް ދީނުގައި އެހައި ބޮޑަށް ބާރުއަޅާފައި އޮންނަނީ އެސަބަބަށްޓަކައެވެ. ރައްކައުތެރިވެގެން ތިބުމަށް އެހައި ބޮޑަށް ދީނުގައި އޮތީ އުޚުތުންނަށް ގެއްލުންދޭން ގިނަ ބައަކު މަސައްކަތްކުރާނެތީއެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ.  

ވިސްނާށެވެ! ގިނަ އަދަދެއްގެ އަންހެނުން މަގުފުރެދިފައިވާ ވާހަކަ އާއި މަގުފުރެދެމުންދާ ވާހަކަ ވަރަށް ގިނަ ފިރިހެނުން ދައްކައެވެ. މިފަދަ ވާހަކަތައް ދައްކާ މީހުން އެއްވެސް ޙާލެއްގައި އެކަމުގައި ފިރިހެނުންގެ ޒިންމާ އޮންނަވަރާއިމެދު ވިސްނައެއް ނުލައެވެ. އަންހެނުންނާއިމެދު ކަންތައް ކުރެވޭ ގޮތާއިމެދު ވެސް ވިސްނައެއް ނުލައެވެ.  

ކަމުގެ ޙަޤީޤަތަށް ބަލައިފިނަމަ މަގުފުރެދޭ އަންހެނުންގެ ޢަދަދު ގިނަވާ ވާހަކަ ދެއްކުން މިއަދު މިއަދުމިވަނީ ފިރިހެނުންނަށް ލަދުވެތި ކަމަކަށްވެފައެވެ. އެހެނީ ގިނަ އަންހެނުންނަށް އެޙާލަތު ކުރިމަތިވަނީ އެކަނބަލުންގެ ޞަޢީފް ކަމަށް ނުބަލައި ފިރިހެނުން އެކަނބަލުންގެ ކިބައިން ނާޖާއިޒު ފައިދާ ނަގާތީއެވެ! ފުރަތަމަ ހުއްޓާލަންވީ އެކަމެވެ! 

މަގުފުރެދިގެން ދިއުމަކީ ވަކި ޖިންސަކަށް ޚާއްޞަ ކަމެއް ނޫނެވެ. ވީމާ އަންހެނުންގެ ތެރޭގައިވެސް އެމީހުން އަމިއްލައަށް ބޭނުންވެގެން ނުބައި މަގު އިޚްތިޔާރުކުރާ ބައަކުވެސް އުޅޭނެއެވެ! ނަމަވެސް ޙަޤީޤަތަށް ބަލައިފިނަމަ ގިނަ އަންހެނުންނަށް މަގު އޮޅުވައިލަނީ ފިރިހެނުންނެވެ.   

ޢާއިލާތެރެއިންނެވެ. ވަޒީފާގެ މާހައުލުގައެވެ. އެކަނބަލުންނަށް އެހީތެރިވުމުގެ ނަމުގައި ކުރާ ކަންކަމުގައެވެ. އެނޫންވެސް ގޮތްގޮތުންނެވެ! އަންހެނުންގެ ބޭނުންކޮށްފައި ދޫކޮށްލުން މިއަދު ވެފައިވަނީ ފެންބޮއިފައި ފުޅި އެއްލައިލުން ފަދަ ކަމަކަށެވެ! އެގޮތަށް އެކަން ކުރުމުން އެކަނބަލުންގެ ހާލަތު ހަމަ ޙަޤީޤަތުގައިވެސް ވެއްޓިގެންދަނީ ހަމަ އެއްލައިލެވޭ ފުޅީގެ ދަރަޖައަށެވެ!  

މައްސަލައިގެ ޙައްލު އޮތީ ވެސް ހަމަ އެކަނބަލުންގެ އަތުގައެވެ. ކޮންމެ ފަދަ ހުވަފެނެއް ދެއްކި ނަމަވެސް، ކިތަންމެ ބޮޑު މުސާރަ ލިބޭ ވަޒީފާއެއް ލިބެން އޮތް ނަމަވެސް ކިތަންމެ ބޮޑު ޕްރަމޯޝަނެއް ލިބެން އޮތް ނަމަވެސް ޢިއްފަތްތެރިކަން ޤުރްބާން ނުކުރާށެވެ! އެކަން ކުރެވޭ ހިސާބުން ތިއަ ލޮބުވެތި ކަނބަލުން ބަދަލުވެގެންދަނީ ހަމަ އެއްލައިލެވޭ ހުސްފުޅިއަށެވެ.  

ވަޒީފާ އާއި ޕްރަމޯޝަނާއި ދުނިޔަވީ ކޮންމެ ނިޢްމަތެއް ފަހުން ވެސް ހޯދިދާނެއެވެ! އެހެން ކުންފުންޏަކުން ނުވަތަ އެހެން ތަނަކުން ވެސް ހޯދިދާނެއެވެ! ނަމަވެސް ދޫކޮށްލައިފި ޢިއްފަތްތެރިކަމެއް އަނބުރައެއް ނުލިބޭނެއެވެ! އެއީ ހަމަ އެންމެ ފުރުޞަތެކެވެ! ފުރުޞަތު ދޫކޮށްލައިފިނަމަ ޢަބުރަށް ލިބޭ ގެއްލުން އަނބުރައި އިޢާދައެއް ނުކުރެވޭނެއެވެ!  

ވީމާ ކޮންމެ އުޚުތަކުވެސް ބިރުވެތިވާންވީ ﷲ ތަޢާލާއަށެވެ! ﷲ ތަޢާލާ އަނގަވާފައިވާ ގޮތުގައި ސާބިތުވާށެވެ! ދެ ދުނިޔެ ކާމިޔާބުކުރުމަށްވެސް އޮތް ޙައްލަކީ ހަމަ އެއީއެވެ. ބޮސްގެ ކޮޓަރި ކިތަންމެ "ސޭފް" ނަމަވެސް ﷲ ތަޢާލާ ހަމަ ބައްލަވައި ވޮޑިގެންވާކަން ޔަޤީންކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން