ލޮބުވެތި އެކުވެރިންނޭވެ! އަހުރެމެން މީހަކު ދެކެ ލޯބިވެއްޖެނަމަ އެމީހެއްގެ މަތިން އަބަދު ހަނދާން ނުކުރަމުހެއްޔެވެ؟ ލޯބިވެރިޔާ މެސެޖެއް ފޮނުވައިފިނަމަ ކިޔަން އަވަސްވެ ނުގަންނަމުހެއްޔެވެ؟ އަދި އެމެސެޖަކީ ފެތުޜޭފަދަ މެސެޖެއް ނަމަ އެމެސެޖް ނުފަތުރަމު ހެއްޔެވެ؟
ސިޔާސީ ގޮތުން އެމީހަކު ރުހޭ މީހަކު ބަހެއް ބުނެފިނަމަ އެބަސް ނުފަތުރަމުހެއްޔެވެ؟ ވީހާ ރީތި ފްރޭމެއް ހަދައި ޕޯސްޓަރު ހަދައިގެންވެސް ނުފަތުރަމުހެއްޔެވެ؟
ދެން ނިކަން ބުނެބަލާށެވެ! ކީރިތި ޤުރްއާނަކީ ﷲ ތަޢާލާ ތިބާއަށް ފޮނުއްވަވާފައި އޮތް މެސެޖަކަށް ނުވަނީހެއްޔެވެ؟ އެމެސެޖް އެބަ ކިޔަމުހެއްޔެވެ؟ އެމެސެޖް އެބަ ފަތުރަމު ހެއްޔެވެ؟ އެކަން ނުކުރެވޭނަމަ ތިބާއަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ މީހަކު ކަމުގައި ބުނެވެން އެބައޮތް ހެއްޔެވެ؟
މީސްތަކުންނޭވެ! އެންމެ ބޮޑަށް ލޯބިވާންވީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އަދި ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލައަށެވެ. އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކީރިތި ޤުރްއާނަށެވެ. ޙަދީޘްފުޅުތަކަށެވެ. އެންމެ ގިނައިން ކިޔަންވީވެސް ފަތުރަންވީވެސް އެނޫންހެއްޔެވެ؟
އަހުރެމެން އެންމެން މަސައްކަތްމިކުރަނީ ސުވަރުގެ ލިބިގަތުމަށެވެ! މިކަންކަން ނުކޮށް ފަރުވާކުޑަކޮށް އިހްމާލްވެގެން ސުވަރުގެ ވަދެވޭނީ ކިހިނަކުން ހެއްޔެވެ؟
- މަޢުޅުމާތު: ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން