ފުރަތަމަ މިގެނެސްދެނީ 5 ބެއިންގެ މެދުގައި ހިނގި ކަމެއްގެ ވާހަކައެވެ.
އެއީ އެންމެ ހަގުކޮއްކޮގެ އުފަންދުވަހެވެ. ދޮށީ 4 ބެއިންގެތެރެއިން 3 ކުދިން ދިއައީ ފައިސާއާއި ހަދިޔާ ހިފައިގެންނެވެ، ވަރަށް ރީތިކޮށް ނަލަހެދިގެން ތިބެއެވެ. ނަމަވެސް އެކަކު އައީ ވަރަށް އާގައިގެ ހެދުމެއްގައެވެ. ގެނައި ހަދިޔާއެއްވެސް ނުފެނެއެވެ.
އެމީހުން ޤަބޫލުކޮށްގެން ތިބީ އޭނާގެ ފިރިމީހާގެ ވިޔަފާރި ބަނގުރޫޓުވެ ދިރިއުޅެނީ ވަރަށް ދަތިޙާލުގައި ކަމަށެވެ. އެހެންވެ އެހެންވެ ދައްތަ ނޫން މީހަކު ސަމާލުކަމެއް ނުދެއެވެ. ވާހަކަދައްކަންވެސް ޝައުޤުވެރިއެއް ނުވިއެވެ. ލޯބިން ވާހަކަ ދެއްކީވެސް ދައްތަ އެކަންޏެވެ.
އެކަންކަން އެނގިހުރެ ދައްތަގެ ގާތުގައި އިށީނދެ އިނދެ ކައިނިމިގެން ބުންޏެވެ. "ދައްތާއެވެ! އަހުރެންވެސް ދައްތައަށް ކުޑަ ހަދިޔާއެއް ގެނައިމެވެ. މިއޮތީ ކޭޝްކާޑެކެވެ. އެއް ލައްކަ ރުފިޔާ ނެގޭނެއެވެ. މިއޮތީ އެއް ލައްކަ ރުފިޔާގެ ސައިކަލެއްގެ ތަޅުދަނޑިއެވެ. ސައިކަލު ބޭރުގައި ހުންނާނެއެވެ. ދެން ކުއްޔަށް އުޅޭނެ ކަމެއް ނެތެވެ. މިއޮތީ ހުޅުމާލެއިން ފުލެޓެއްގެ ތަޅުދަނޑިއެވެ. އެޑްވާންސާ މިމަހުގެ ކުލި ވާނީ ދައްކައިފައެވެ. ފްލެޓަށް ބަދަލުވެ މިތަނަށް ދައްކާކުލި ދައްކަންފަށާށެވެ. އެއީ ކުއްޔަކަށް ނުވާނެއެވެ. ވާނީ ފުލެޓް މިލްކުކުރަން ދައްކާ ފައިސާއަށެވެ.
އެހިސާބުން އޭނާ މުހިންމުވެއްޖެއެވެ. އަނގައިން ނުބުނެ ތިބި 3 ބެއިންގެ އަނގަތައް ހުޅުވިއްޖެއެވެ. އެމީހުން ވާހަކަދައްކަން ފެށިތަނުން ފިރިމީހާ ބަލައި އަތުވެއްޖެކަމަށް ބުނެފައި ނުކުމެގެންދިއައީއެވެ.
މިއީ ކަންކަން މިއަދުހުރި ގޮތެވެ. އަޚަކަށްނަމަވެސް އުޚުތަކަށް ނަމަވެސް ދަތިޙާލެއް ކުރިމަތިވެއްޖެނަމަ ޙާލުވެސް ބަލައި ނުލައެވެ. ރަޙިމުގެ ގުޅުންވެސް ކަނޑައިލަނީއެވެ. ނަތީޖާއަކަށްވަނީ ޙާލަތު ބަދަލުވެ ތަނަވަސްކަން ލިބުނަސް އެކަންވެސް ނުއެނގުމެވެ.
އޭނާގެ ފިރިމީހާގެ ވިޔަފާރިއަށް 5 އަހަރުކުރިން ދަތިތަކެއް ކުރިމަތިވިއެވެ. ދެމަފިރިންގެ މަސައްކަތުން އެޙާލަތުން އަރައިގަނެވުނެވެ. އެޙާލަތުކުރިމަތިވުމުން އުޚުތާގެ ޙާލުވެސް ބަލައިނުލާތީ ނުއެނގިއޮތީއެވެ. ޙާލުވެލީ ދައްތަ އެކަންޏެވެ. ދޭނެ ހަކުރުނެތަސް ކޮއްކޮވީމައެވެ.
- މިއަދުނޫސް