ބޮޑުތަކުރުފާނުމަގު ދެން އޮތް ފިޔަވަހީގެ މަސައްކަތް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ބޮޑުތަކުރުފާނުމަގު ދެން އޮތް ފިޔަވަހީގެ މަސައްކަތް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް

މާލޭގެ ބޮޑުތަކުރުފާނު މަގާއި ހާބަރު ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތައް 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ މާލޭގެ އުތުރު ފަރާތް، ބޮޑުތަކުރުފާނު މަގާއި ހާބަރު ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެން އޮތް ފިޔަވަހީގެ މަސައްކަތްތަކާއި، ރިންގް ރޯޑުގެ ބާކީ އޮތް ބައިގެ މަސައްކަތްތައް ނޮވެމްބަރު 2026 ގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެމް.ޕީ.އެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށެވެ. މީގެ ތެރޭގައި މަގު ހެދުމުގެ އިތުރުން ހާބަރު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ. ރައީސް ވިދާޅުވި ގޮތުގައި "މި މަސައްކަތްތަކާއި ރިންގް ރޯޑުގެ ބާކީ އޮތް ބައި (އެމް.ޕީ.އެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް) އިންޝާﷲ 2026 ނޮވެމްބަރުގެ ކުރިން ނިންމާލެވޭނެ" އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ތެރެއިން މިހާތަނަށް ވަނީ މުހިންމު ބައެއް ނިންމާފައެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މަޝްރޫޢު އެއްކޮށް ނިމުމުން މާލޭގެ ވަށައިގެންވާ މަގުތަކުގެ ފެންވަރު ރަނގަޅުވެ، ދަތުރުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން