ކުރަންހުރި މަސައްކަތްތައް ގިނަވެ ކުރަންޖެހޭ އަޅުކަން ނުކުރެވޭ މީހުން ތައްޔާރުއެވަނީ މަރުވުމުން ކަރުނައަޅަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކުރަންހުރި މަސައްކަތްތައް ގިނަވެ ކުރަންޖެހޭ އަޅުކަން ނުކުރެވޭ މީހުން ތައްޔާރުއެވަނީ މަރުވުމުން ކަރުނައަޅަން!

މުސްތަޤްބަލުގައި ތިމާ ކުރާން ކަންކަމަށް ވިސްނާށެވެ! ކަންކަން ކުރެވޭނެ ގޮތްތައްވެސް ރާވާށެވެ! ނަމަވެސް އެކަންކަމަށް ވަގުތު ހޭދަކުރަން ޖެހޭނީ މިއަދު ކުރަން ޖެހޭ އަޅުކަން ފުރިހަމައައަށް ކުރުމާއި އެކުގައެވެ. ވީމާ ފުރަތަމަކަމަކީ މިއަދު ކުރަން ޖެހޭ އަޅުކަން ކުރުން ކަމުގައި ހަދާށެވެ! އަދި މުސްތަޤްބަލް ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!  

ފުރަތަމަ ކަމަކީ ފަރުޞު 5 ނަމާދު ޖަމާޢަތުގައި ކުރުމެވެ. އެދުވަހަކު ހޭދަކުރެވެން ހުރި މިންވަރެއް އެދުވަހު ޞަދަޤާތްކުރުމެވެ. ޢާއިލީ ޒިންމާތައް ފުރިހަމަކުރުމެވެ. ޛިކުރުތައް ކިޔަމުން ގެންދިއުމެވެ. ކީރިތި ޤުރްއާނުން މިންވަރެއް ނަމަވެސް ކިޔެވުމެވެ. ވީމާ އެންމެ އިސްކަންދޭ ކަންކަން ތަރުތީބުކުރާއިރު މިކަންކަމަށް އިސްކަންދޭށެވެ!  

މުސްތަޤްބަލް ﷲ ތައާލާއަށް ވަކީލުކުރުމުގެ މާނައަކީ ޙައްޖުވުމާއި މިސްކިތް އެޅުން ފަދަ ބޮޑެތި ކަންކަން ކުރެވޭނެ ގޮތަކާއިމެދު އެއްވެސް ވަރަކަށް ނުވިސްނުމެއް ނޫނެވެ. އެކަންކަމަށްވެސް ވިސްނާށެވެ! ކުރެވޭނެ ގޮތްތައް ރާވާށެވެ! ނަމަވެސް ކޮންމެ ދުވަހަކު އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަން އިސްކަންދޭށެވެ! އެއިރުން ތިމާ އެދޭފަދައިން މުސްތަޤްބަލު ތިމާއަށްޓަކައި ﷲ ތައާލާ ފަހިކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ.  

މަރުވާނެ ވަގުތަކީ އެއްވެސް މީހަކަށް އެނގޭ ކަމެއް ނޫނެވެ. ހަމަ މިއަދުވެސް މަރުވެދާނެއެވެ. ވީމާ އަބަދުވެސް ހުންނަން ޖެހޭނީ މަރަށް ތައްޔާރުވެގެންނެވެ. މަރަށް ތައްޔާރުވެގެން ހުރުމަކީ ކުރިނަ މިބުނިފަދައިން އެދުވަހަކު ކުރަން ޖެހޭ އަޅުކަންތައް އެދުވަހަކު އެކަމެއްގެ ވަގުތުގައި ކުރަމުން ގެންދިއުމެވެ.  

ވަގުތުތައް ހޭދަކުރަންވީ މުސްތަޤްބަލުގައި ޙާޞިލުކުރަން ބޭނުން ކަންކަމާއިމެދު ވިސްނުމަކަށް ނޫނެވެ. ވަގުތު ހޭދަކުރަންވީ މިއަދު އަދާކުރަން ހުރި އަޅުކަން ކުރުމަށެވެ. އެހެނީ މިއަދު މަރުވި ނަމަވެސް މުސްތަޤްބަލުގައި ކަމެއް ކުރަން ރޭވިފައި ނެތިގެން ހިތާމަކުރާކަށް ނުޖެހޭނެއެވެ. ހިތާމަކުރަން ޖެހޭނީ މިއަދު ކުރަން ޖެހޭ އަޅުކަން ނުކުރެވި އޮތް ނަމައެވެ. ާ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން