ނިކަމެތި މީހަކު އެހީތެރިކަމަށް އެދުމުން އަތުގަހުރެ ނެތް ކަމަށް ބުނުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެއް! ތަނަވސްކަން އަނބުރާ ގެންދަވައި ނިކަމެތި ކުރައްވަވައިފާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ނިކަމެތި މީހަކު އެހީތެރިކަމަށް އެދުމުން އަތުގަހުރެ ނެތް ކަމަށް ބުނުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެއް! ތަނަވސްކަން އަނބުރާ ގެންދަވައި ނިކަމެތި ކުރައްވަވައިފާނެ ކަމެއް!

ދަހިމީހުންގެ ތެރެއިން ބައެއް މީހުން ދުނިޔޭގައި އުޅެނީ ތަނަވަސްކަމުގައެވެ. އެމީހުންގެ ތަނަވަސްކަން ދުނިޔޭގައި ދަނަހައްޓަވައި ދެއްވަވަނީ އެމީހުންގެ ދަހިކަމާއި ﷲ ތަޢާލާގެ މަގުގައި ހޭދަނުކުރާކަން ﷲ ތަޢާލާ ދެނެވޮޑިނުގަންނަވާތީއެއް ނޫނެވެ. އެމީހުންނަށް ވިސްނި އިޞްލާހްވޭތޯއެވެ! ފުރުޞަތުގެ ބޭނުން ނުކުރިނަމަ ދެއްވަވާނެ ޢަޛާބުގެ ގަދަފަދަކަން މިއަދު ހިތަށްވެސް ނުގެނެވޭނެއެވެ.   

ތިމާގެ ކިބައިގައި ފުދުންތެރިކަން ހުރެވެސް މީހަކު ކަމަކު އެދުމުން އެކަން ކޮށްދޭނެ ފުދުންތެރިކަން ނެތްކަމަށް ބުނެ ބައެއް މީހުން ދޮގުހަދައެވެ. އެއީ ކުރާ ވަރަށް ބޮޑު ކުށެކެވެ! ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ!  

ކަމަކު އެދުނު މީހާގެ ޙާލަތުވެސް ﷲ ދެކެދެނވޮޑިގެންވާ ފަދައިން އެދެވުނު މީހާގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކައުންޓުގައާއި ގޭގެ ތިޖޫރީގައާއި ވޮލެޓުގައި އެނޫންވެސް ތަންތަނުގައި ހުރި ފައިސާތަކުގެ ޢަދަދު އެކަންޏެއް ނޫނެވެ. ހުރި ވަކިލާރީގެ ޢަދަދުވެސް ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ!

އެހީވެދޭން ބޭނުން ނޫން ނަމަ އެކަން ރީތިބަހުން ބުނާށެވެ! އެއިރުން ދެއްވަވާނީ ހަމައެކަނި ޞަދަޤާތް ނުކުރިކަމުގެ ޖަޒާއެވެ! ނަމަވެސް އަތުގައި ހުރެމެ ނެތްކަމަށް ބުނުމުން ދޮގުހެދި ކަމުގެ ފާފަ އިތުރުވެގެންދާނެއެވެ! އަދި އެއިރުން އެ ލިބިގަނެވެނީ ފާފަ މަތިމައްޗަށެވެ!  

ތިބާގެ އަތުގައި އޮތް އެންމެ ވަކިލާރިފޮތިވެސް، އަދި އަތުގައި މިލިއަނުން ހުރި ފައިސާ ވެސް ދެއްވެވީ ހަމަ ﷲ ތަޢާލާއެވެ! ދެއްވެވި ފަދައިން އަނބުރައި ގެންދެވުމަކީ ނުވަތަ ނެތިކުރެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަކަން ހިތަށް ގެނެސް ބިރުވެތިވާށެވެ!  

ދަހިވެތިކަން ބޮޑުވުމުން ނިކަމެތި ކުރެއްވެވީ ކިތައް މީހުން ކަމާއި އަދި ދީލަތްތެރިކަން އިތުރު ކުރުމުން ތަނަވަސްކަން އިތުރުކޮށް ދެއްވެވީ ކިތައް މީހުންނަށް ކަމާއިމެދުގައި ފުންކޮށް ވިސްނައިލާށެވެ! ބުއްދިވެރިންނަކީ ފެންނަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާ މީހުންނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން