ކޮންމެ ރެއެއްގައިވެސް ދުޢާ ޢިޖާބަކުރައްވަވާ ސާޢަތެއްވޭ! އޮތީ ހޯދަން މަސައްކަތްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކޮންމެ ރެއެއްގައިވެސް ދުޢާ ޢިޖާބަކުރައްވަވާ ސާޢަތެއްވޭ! އޮތީ ހޯދަން މަސައްކަތްކުރުން!

ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ކޮންމެ ހުކުރު ދުވަހެއްގައިވެސް ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅެއްވާ ފަދައިން ކޮންމެ ރެއަކުވެސް ދުޢާ ޢިޖާބަކުރައްވަވާ ސާޢަތެއްވެއެވެ. 

އެސާޢަތުގައި ދުނިޔަވީކަމެއްގައިނަމަވެސް އަދި އުޚުރަވީކަމެއްގައި ނަމަވެސް އަދި ދުނިޔެއާއި އާޚިރަތުގެ ކަމަކަށް ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ އެދުޢާ ޢިޖާބަކުރައްވަވާނެތެވެ. އަދި އެކަން ކޮންމެ ރެއަކުވެސް ދާނީ ހިނގަމުންނެވެ. (ކޮންމެރެއަކުވެސް އެވަޤުތުކޮޅު މީސްތަކުންނާއި ބައްދަލުކުރާނެތެވެ. އެކަން ދާނީ ކޮންމެ ރެއަކުވެސް ތަކުރާރުވަމުންނެވެ.)  

ރޭގެގަނޑުގެ އެވަޤުތުކޮޅުވެސް ﷲ ތަޢާލާ ވަނީ ސިއްރުކުރައްވަވައިފައެވެ. އެއީ މީސްތަކުން ހީވާގިވެ އެކަމަށް އެދިގެން ގިނަ ވަޤުތުތަކެއްގައި މަސައްކަތްކުރުމަށްޓަކައެވެ. 1000 މައްސަރަށްވުރެ އިތުރުކަންބޮޑުވެގެންވާ ލައިލަތުލްޤަދްރިވިލޭރޭވެސް ސިއްރުކުރެއްވެވި ފަދައިންނެވެ. ހުކުރު ދުވަހުގައިވާ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅުވެސް ސިއްރުކުރެއްވެވި ފަދައިންނެވެ.

ދުޢާ ޢިޖާބަ ކުރެއްވެވުމުގައި އޮތީ 3 ގޮތެކެވެ. ފުރަތަމަ ގޮތަކީ ދުނިޔޭގައި އެކަމެއް އެމީހަކަށް އަވަސްކޮށްދެއްވެވުމެވެ. ދެވަނަ ގޮތަކީ އާޚިރަތަށްޓަކައި އެކަން ފަސްކޮށްދެއްވެވުމެވެ. 3 ވަނަ ގޮތަކީ އެމީހަކަށް ލިބެން އޮތް ގެއްލުމަކުން އެމީހަކު ސަލާމަތްކޮށްދެއްވެވުމެވެ.

 

- ޝައިޚް މުޙައްމަދު ލަޠީފް / އިސްލާމީ މަރުކަޒުގެ އިސް އިމާމް

 

މިއަދު އޮންލައިން