ދިމާވާ ކަންކަމުން އަރައިނުގަނެވޭނެކަމަށް ވިސްނޭނަމަ ގަދައަޅައި މަސައްކަތްކުރަންވީ ޝައިޠޯނާގެ ކިބައިން ސަލާމަތްވުމަށް! ކަންބޮޑުކުރުވަނީ އޭތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ދިމާވާ ކަންކަމުން އަރައިނުގަނެވޭނެކަމަށް ވިސްނޭނަމަ ގަދައަޅައި މަސައްކަތްކުރަންވީ ޝައިޠޯނާގެ ކިބައިން ސަލާމަތްވުމަށް! ކަންބޮޑުކުރުވަނީ އޭތި!

މައްސަލަ ފެށޭހިސާބަކީ ކޮންމެ މުޞީބާތަކާއެކު ރަހްމަތެއްވާކަމަށް ޤުރްއާނުގައި ތަކުރާރުކޮށް ބަޔާންވެގެންވާއިރުވެސް އިތުބާރުނުކުރެވޭކަމެވެ. އެކަން ޤަބޫލުނމުކުރެވޭނަމަ އެއީ ޤުރްއާނަށް ނުވަތަ ﷲ ތަޢާލާގެ ވަޙީބަސްފުޅަށް އިތުބާރުނުކުރެވުމެވެ. އެއަށްވުރެ ބޮޑު މައްސަލައަކީ ކޮބައިހެއްޔެވެ؟  

ދިރިއުޅޭއިރު އަބަދުހެން ދާނީ ކަންކަން ކުރިމަތިވަމުންނެވެ. ދުނިޔޭގައި އުޅުމަށް ދިރިއުޅުން ކިޔަންޖެހޭ އެއްސަބަބަކީވެސް އެއީއެވެ. އަބަދު އެއް ޙާލަތެއްގައި ކަންކަން ނުހުންނާނެތީއެވެ.  

ވަރަށް އާދައިގެ ކުދިކުދި ކަންކަން ކުރިމަތިވުމުން ވެސް ބައެއް މީހުންނަށް އެކަން ވަނީ ވަރަށް ބޮޑު މުޞީބާތަކަށެވެ. އެކަމުގެ ސަބަބުން މީހާއަށް ދިރިއުޅެން އުނދަގޫ މައްސަލައަކަށެވެ. ހީވާނީ އުޑު ބޮލަށް ވެއްޓުން ފަދަ ބޮޑުކަމެއް މެދުވެރިވެގެން އުޅޭހެންނެވެ.  

އިންސާނުން މިޙާލަތަށް ވައްޓައިލަނީ ހަމަ ޝައިޠޯނާއެވެ! ދިމާވި ކަންތައް އިންތިހާއަށް ބޮޑުކަމެއްގެ ގޮތުގައި ވިސްނައިދެނީ ޝައިޠޯނާއެވެ. ޝައިޠޯނާގެ އެންމެ ބޮޑު ބޭނުމަކަށްވެފައި އޮންނަނީ އެމީހާއަށް ދިމާވި ޙާލަތުގެ ނާޖާއިޒު ފައިދާ ނަގައި އީމާންކަމާއި ދުރުކުރުމަށް މަސައްކަތްކުރުމެވެ.  

މީސްތަކުންނޭވެ! ކޮންމެ ދީނެއްގެ ކޮންމެ ފަލްސަފާއަކުން ބެލި ނަމަވެސް ދުނިޔެއަކީ އަބަދު އަރާމު ތަންމައްޗެއް ނޫނެވެ. ކިތަންމެ މޮޅު އުސް ގޮދަޑިއެއްގައި ނިދާ މީހާއަށް ތަޅުންގަނޑުގައިވެސް ނިދަންޖެހެއެވެ. އެކަމުގެ ވަރަށް އާދައިގެ މިސާލެއް ވެސް ބުނެފާނަމެވެ. ދުނިޔޭގެ އެންމެ މުއްސަނދިންނަށް ޖެހޭ މައްސަލަތަކާއި ގުޅިގެން ހަރުތަންތަނުގައި ނިދަން ޑޮކްޓަރުން އެބަ ބުނެއެވެ. އެ ހިސާބުން އެމީހާގެ އަރާމު ގޮދަޑި ޖެހެނީ އޮތްތަނުގައި ބާއްވާށެވެ! ނިދަން ޖެހޭނީ ހަމަ ހަރުތަނެއްގައެވެ.  

ވީމާ އަބަދުވެސް ދިރިއުޅެންވާނީ ކޮންމެ ވަގުތަކުވެސް ކޮންމެ މުޞީބާތެއް ވެސް ޖެހިދާނެ ކަމަށް ބަލައިގެންނެވެ. ކުރިމަތިވާ ކަންކަމަށް ކެތްތެރިވުމުގެ ޤާބިލުކަން ނެތް ނަމަ އެމީހާގެ އީމާންކަން ނެތް ކަމުގެ އިތުރުން އެމީހަކީ މީހަކަށްވެސް ނުވާނެއެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން