ދަރިން އިސްލާމް ދީނަށް ޢަމަލުނުކުރާތީ ކަންބޮޑުވެގެން ވަރަށް ގިނަ ޢަދަދެއްގެ ބެލެނިވެރިން މަޝްވަރާހޯދަން އައުދެއެވެ. އެކުދިންނާ އަހުރެން ބައްދަލުކުރަމެވެ. ސަބަބު ހޯދަން ކުރާމަސައްކަތުން އެނގެނީ އެކުދިން އިސްލާމްދީނަށް ޢަމަލުނުކުރަނީ ދީން ގޯސްވެގެން ނޫންކަމާއި މައިންބަފައިންގެ ސަބަބުން ކަމެވެ.
ގިނަ ކުދިންނަށް މައްސަލަ ކުރިމަތިވަނީ މައިންބަފައިން ދީނަށް ޢަމަލުނުކުރާތީއެވެ. ދީނުގެ ކަންކަމަށް ސަމާލުކަންކުޑަކުރާތީއެވެ. ދީނަށް ލޯބިކުރާކަން އެމީހުންގެ ޢަމަލުތަކުން ދަރިންނަށް ދައްކައި ނުދެވޭތީއެވެ. މިޘާލެއްގެ ގޮތުން ވަރަށް ފަހުން ދިމާވި ކަމެއް ކިޔައިދޭނަމެވެ.
އެއީ އަހުރެންގެ ވަރަށް ގާތް ބައަކު އުޅޭ ގެއެކެވެ. މަޣްރިބް ނަމާދުން ފައިބައިގެން ކަމަކު އެގެއަށް ވަންއިރު އެމީހުންގެ 7 އަހަރުގެ އަންހެން ދަރިފުޅު ހުރީ ނަމާދުކުރަން ތައްޔާރުވެގެންނެވެ. އެކަމަކު ބައްޕަ ނަމާދެއް ނުކުރެއެވެ. މަންމަ ނަމާދެއް ނުކުރެއެވެ. މާމަވެސް ނަމާދެއް ނުކުރެއެވެ. އެމީހުންގެ ސަމާލުކަން ހުރީ ގެއަށް ޒިޔާރަތްކޮށްގެން އުޅޭ ނަމާދުނުކުރާ އެކުވެރިއަކަށެވެ.
ދެން އެނގުނީ އެކުއްޖާ ގާތުގައި ނަމާދުކުރަން ބުނީމާ ތައްޔާރުވީއެވެ. ނަމަވެސް ބޮޑެތި މީހުން ނަމާދުނުކުރާތީ ތައްޔާރުވެގެން ހުރެ ގޭތެރޭގައި އެނބުރެނީއެވެ. ދެން ނިކަން ބުނެބަލާށެވެ! އެދަރިފުޅަށް ދަސްކޮށްމިދެވެނީ ކޮންފަދަ ނުބައި ފިލާވަޅެއް ހެއްޔެވެ؟
ދެން ދިމާވާ ގޮތަކީ ގިނަކުދިންނަކީ އެކުދިންގެ ގާތުގައި ބުނާވާހަކައަކަށްވުރެ ފެންނަ ޢަމަލުން ކޮޕީކުރާ ބައެކެވެ. ވީމާ ދީނަށް ޢަމަލުނުކުރުމުގެ އާދައަށަގަންނަނީއެވެ. ބޮޑުވުމުން އެއާދަ ބަދަލުކުރަން އުނދަގޫވަނީއެވެ.
ވީމާ މިގޮތަށް ދިމާވާ ކުދިންގެ ކަންކަން ބަދަލުކުރުވޭނީވެސް އަދި އެގޮތަށް ދިމާނުވާނެ ގޮތް ހެދޭނީވެސް މައިންބަފައިންނަށެވެ. މިބުނަނީ އެކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ މައިންބަފައިންނަށް ކަމުގެ ވާހަކައެވެ. އެކަމަށް ކުރަން އޮތް ފުރަތަމަ ކަމަކީވެސް ދީނަށް ޢަމަލުކޮށް ދަރިންނަށް ނަމޫނާ ދެއްކުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން