މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރު ހަރަކާތްތަކާއި އަސްކަރީ ހިނގާލުން މިރޭ 20:30 ގައި މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖުމުހޫރީ މައިދާނުން ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.
އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފް ބޭންޑާއެކު ޖުމްލަ ހަ ގެމައެއް ބައިވެރިވާނެއެވެ. މި ހިނގާލުމުގެ ތެރެއިން އެމްއެންޑީއެފުގެ އެކި ކޯރތަކާއި ތަފާތު ދާއިރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
އަސްކަރީ ލަޝްކަރު މާލޭގެ ހަތަރު ސަރަހައްދެއްގައި މަޑުކުރުމަށް ވަނީ ނިންމާފައެވެ. އެއީ:
- މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ޖަންކުޝަން ކައިރިން އާޓިފިޝަލް ބީޗް - އަމީނީމަގު ކުޑަކުދިންގެ ބަގީޗާ ކުރިމަތި - އަމީނީމަގު ގަލޮޅު ޕޮލިސް ކުރިމަތި - ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމަތި
ލަޝްކަރު މަޑުކުރާ މި ސަރަހައްދުތަކުގައި ސިފައިންގެ ބޭންޑުން ތަފާތު ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޤައުމީ ކެޑޭޓުކޯގެ ޕެރޭޑާއި، ސްކޫލުތަކުގެ ފަރާތުން ހުށަހަޅައިދޭ ތަފާތު ކުޅިވަރުތަކާއި ސަޤާފީ އައިޓަމްތައްވެސް މިރޭގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.