މިނިވަންކަމަށްޓަކައި ކާބަފައިން ވެވަޑައިގެންފައިވާ މަތިވެރި ޤުރުބާނީގެ ހަގީގަތްތައް އަންނަން އޮތް ޖީލުތަކުގެ ހިތްތަކަށް ވާސިލްކޮށްދިނުމަކީ މިއަދު އެންމެ އިސް ވާޖިބު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، ހިތްތަކުގައި ޤައުމީ ލޯބީގެ ފަޚުރާއި ޝަރަފު އުތުރިއަރަމުންދާ މި އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، ހުރިހާ ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ. އަދި މިއަދު ދިވެހިންނަށް ލިބިފައިވާ މިނިވަންކަމުގެ މަތިވެރި ނިއުމަތަކީ މާޒީގައި ކާބަފައިން ކުރެއްވި ބުރަ މަސައްކަތްތަކާއި ވެވަޑައިގެންނެވި ޤުރުބާނީތަކުގެ ނަތީޖާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިނިވަންކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، "މިއަދު އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، މިނިވަންކަމަށްޓަކައި ކާބަފައިންވީ ޤުރުބާނީގެ ހަގީގަތްތައް އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން" ކަމަށެވެ. މީގެ އިތުރުން، މިނިވަންކަން ދެމެހެއްޓުމަށް ދިމާވާ ކޮންމެ ހުރަހެއް ފަހަނަޅައި ދިއުމުގެ ހިތްވަރާއި ޖޯޝުހުރި ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާގެ މެސެޖު ނިންމަވާލެއްވީ އިލްމާއި އަޚްލާޤުން ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ. އަދި ޤައުމީ މި މަސައްކަތުގައި މާތްﷲ ކާމިޔާބީ މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.