ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުނު އަސްލާއި ސިއްރަކީ ޖީލުން ޖީލަށް އަމާނާތްތެރިކަމާއެކު ވާރުތަކުރި މިނިވަން ފިކުރުކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޖުލައި ސައްބީހުގެ މުނާސަބަތަށް 60 އަހަރު ފުރުނު ނަމަވެސް، ދިވެހި މިނިވަންކަމަކީ ހާސް އަހަރުން ގުނޭ ދިގު ތާރީޚެއް އޮތް ކަމެއް ކަމަށެވެ. އަދި މާޒީގެ ހިތްދަތި ތަޖުރިބާތަކާއި މުސްތަގުބަލުގެ ހިރާސްތައް ޒުވާން ޖީލުތަކުގެ ސިކުނޑިއަށް ވާސިލްކޮށްދެވުމަކީ މިނިވަންކަން ދެމިއޮތުމުގެ މައިގަނޑު ސަބަބު ކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މުއްސަނދި ސަގާފަތާއި އަމިއްލަވަންތަކަމަކީ ދިވެހިންގެ މިނިވަންކަމުގެ އެންމެ ވަރުގަދަ ހުއްޖަތްކަމުގައި ބަޔާންކުރައްވަމުން، މި ސަރުކާރަކީ ގައުމިއްޔަތު އާލާކޮށް މިނިވަންކަން ހިމާޔަތްކުރުމަށް އެންމެ އިސްކަންދޭ ސަރުކާރުކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ތާރީޚީ ގޮތުން މިނިވަންކަމަށް ބުރޫއެރި ހާދިސާތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ފަހަރަކުވެސް އެކަމުގައި ދިވެހިންގެ ބަޔަކު ބައިވެރިވެފައިވާކަން ތާރީޚުން ފެންނަން އޮތް ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމަށް ސަމާލުވުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެންމެހައި ރައްޔިތުން އެއްބައިވަންތަކަން އިސްކުރުމަށް ގޮވާލައްވަމުންނެވެ. ޖީލުން ޖީލަށް ވާރުތަވަމުން އަންނަ މިނިވަން ފިކުރު ދެމެހެއްޓުމަކީ މުޅި ގައުމުގެ ސަލާމަތަށް މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.