ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ނައިބު ރައީސް މި ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވަމުން، ދިވެހިރާއްޖެ މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމަށް އެދިވަޑައިގެން މާތްﷲގެ ހަޟްރަތުގައި ދުޢާކުރައްވާފައިވެއެވެ.
ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށަށް ގޮސްފައިވަނީ 1887 ވަނަ އަހަރުގައެވެ. އެއީ އޭރު ރާއްޖޭގެ ރަދުންގެ މަގާމުގައި ހުންނެވި އައްސުލްތާން މުހައްމަދު މުއީނުއްދީން ދެވަނަ އާއި އިނގިރޭސި ރާނީ ވިކްޓޯރިއާގެ ފަރާތްޕުޅުން ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރު ސާ އޭ.އެޗް.ގޯޑްން އާ ދެމެދު ވެވުނު މުއާހަދާއެއްގެ ދަށުންނެވެ. މި މުއާހަދާގައި ސޮއިކުރެވުނީ އެ އަހަރުގެ ޑިސެމްބަރ 16 އާއި 23 އާ ދެމެދުގައެވެ.
އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި 78 އަހަރު އޮތުމަށްފަހު، ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. އެ ދުވަހުން ފެށިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައެވެ.