ހުއްދަނެތި ރާއްޖެއަށް ބޭސް އެތެރެކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ބޭހާ ބެހޭ އާ ގަވާއިދު އެކުލަވާލައިފިއެވެ. މި ގަވާއިދުގެ ދަށުން، ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ އިތުރުން، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ.
އަލަށް އެކުލަވާލި މި ގަވާއިދުގައިވާ ގޮތުން، ރާއްޖެއަށް އެތެރެކޮށް ވިއްކޭނީ ހަމައެކަނި ހުއްދަދީފައިވާ ބޭހުގެ ރަޖިސްޓްރީގައި ހިމެނޭ ބޭސްތައް އެކަންޏެވެ. އަދި މި ރަޖިސްޓްރީ މަދުވެގެން އަހަރަކު އެއްފަހަރު މުރާޖަޢާކޮށް، އަދާހަމަކުރަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ކޮންޓްރޯލްޑް ޑްރަގްސް ނުވަތަ ހާއްސަ އުސޫލަކުން ކޮންޓްރޯލް ކުރެވިފައިވާ ބޭސްތައް އެތެރެކޮށް ވިއްކޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ދޫކުރާ ޚާއްޞަ ހުއްދައެއްގެ ދަށުންނެވެ. މީގެ އިތުރުން، ބޭސް އުފައްދާ، އެތެރެކުރާ، އަދި ވިއްކާ ހުރިހާ ފަރާތްތަކަކުން އެމް.އެފް.ޑީ.އޭ ގައި ރަޖިސްޓްރީވުން ވަނީ މަޖުބޫރުކޮށްފައެވެ.
ބޭސް ރައްކާކުރާ ނުވަތަ ގުދަންކުރާ ފަރާތްތަކަށްވެސް އާ ގަވާއިދުގެ ދަށުން ޒިންމާތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ބޭސް ގުދަންކުރާ ފަރާތްތަކުން ކޮންމެ 6 މަސްދުވަހަކުން ބޭސް ބޭނުންކުރާ ގޮތުގެ ތަފްސީލު ރިޕޯޓު ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ޖެހޭނެއެވެ.
މި ފިޔަވަޅުތަކަކީ ރާއްޖެއަށް އެތެރެކުރާ ބޭހުގެ ފެންވަރު ހިފެހެއްޓުމަށާއި، ގަވާއިދާ ހިލާފަށް ބޭސް އެތެރެކުރުން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. އެއްލައްކަ ރުފިޔާއާ ހަމައަށް ކުރެވޭ ޖޫރިމަނާ އާއި ލައިސަންސް ބާތިލުކުރުން ފަދަ ފިޔަވަޅުތަކާއެކު، ބޭހުގެ ބާޒާރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.