ކުޅުދުއްފުށި ސިޓީގައި އަލަށް ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ކުޅުދުއްފުށި ސިޓީގައި އަލަށް ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައިފި

ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން އަލަށް ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ ސިޓީގެ ރައްޔިތުންނަށް ޕޯސްޓުގެ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ހަމަޖައްސައިދީފިއެވެ.

މި އައު ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން، ކުޅުދުއްފުށީ ޕޯސްޓު އޮފީސް މިހާރު ވަނީ ބަންޑާރަމަގު، ސީނާ ބިލްޑިންގަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް އެކަށީގެންވާ ޖާގައާއި ވަސީލަތްތައް ލިބިގެންދާނެއެވެ.

ޕިކްޕޯސްޓް ޚިދުމަތުގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުން ކިއުގައި މަޑުނުކޮށް، ފަސޭހަކަމާއެކު ޕާރުސަލް ނެގޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ޚިދުމަތުގެ ދަށުން، ކަސްޓަމަރުންނަށް ޕޯސްޓުން ފޮނުވާ މެސެޖުގައިވާ ވަގުތުތަކުގެ ތެރެއިން އެމީހަކަށް އެންމެ ފަސޭހަ ވަގުތެއްގައި ޕާރުސަލް ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ރަށްތަކަށާއި ރާއްޖެއިން ބޭރަށް ޕޯސްޓް ކުރުމުގެ ޚިދުމަތްވެސް ކުރިއެކޭ އެއްގޮތަށް މެދުނުކެނޑި ލިބެމުންދާނެ ކަމަށް ޕޯސްޓު އޮފީހުން މަޢުލޫމާތު ދެއެވެ. މި ޚިދުމަތްތަކަކީ ކުޅުދުއްފުށި ސިޓީގެ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިއަދު އޮންލައިން