ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގައި ބަނގުލަދޭޝްގެ ފޮރިން މިނިސްޓަރު ހިޒް އެކްސެލެންސީ ޑރ. ޚަލީލުއްރަޙްމާން މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ހަރަކާތް ބާއްވާފައިވަނީ ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. މި ރަސްމިއްޔާތުގައި ބަނގުލަދޭޝްގެ ފޮރިން މިނިސްޓަރުގެ އަރިހުގައި މިނިސްޓަރު އިރުތިޝާމް އާދަމް އަދި މިނިސްޓަރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ބަނގުލަދޭޝްގެ ފޮރިން މިނިސްޓަރު ވަނީ ރަމްޒީގޮތުން ގަހެއް އިންދަވައިދެއްވާފައެވެ. އަދި މި މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން ބަނގުލަދޭޝް ސަރުކާރުގެ ފަރާތުން 20،000 ގަސް ހަދިޔާކުރުމަށް ރަސްމީކޮށް މިއަދު ވަނީ އިޢުލާންކޮށްފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދެ ޤައުމުގެ މަންދޫބުން ވަނީ ތިމާވެށީގެ ދާއިރާއިން ރާއްޖެއާއި ބަނގުލަދޭޝްއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ޚާއްޞަކޮށް މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ދެ ޤައުމުގެ ހައިސިއްޔަތުން، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ.
5 މިލިއަން ގަސް އިންދުމުގެ މި ބިޔަ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ފެހިކަން އިތުރުކުރުމަށްޓަކައި ރައީސް މުޢިއްޒު ފަށްޓަވާފައިވާ ވަރަށް މުހިންމު ޤައުމީ މަސައްކަތެކެވެ. ބަނގުލަދޭޝްއިން ފޯރުކޮށްދޭ މި އެހީތެރިކަމަކީ މި މަޝްރޫޢުގެ ލަނޑުދަނޑި ހާސިލުކުރުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.
ހަބަރު: ސަރުކާރު