މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ކުރިއަށްދާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫޢުތަކެއް ނިންމަވައި، އޭގެ ޙައްޤުވެރިންނާ ތަންތަން ހަވާލުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދެއްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ސޯޝަލް ސެންޓަރުގައި ބޭއްވި ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިޖުތިމާއީ މިނިވަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ ބޯހިޔާވަހިކަން ކަމަށާއި، ބޯހިޔާވަހިކަމުގެ މިނިވަންކަން ހޯދައިނުދީ އިޖުތިމާއީ މިނިވަންކަމުގެ ވާހަކަ ފުރިހަމަ ނުކުރެވޭނެ ކަމަށެވެ. މީގެ ކުރިން ބޯހިޔާވަހިކަމަކީ ހަމައެކަނި ދައްކާލާ ވާހަކައަކަށް ވެފައި އޮތް ނަމަވެސް، މި ސަރުކާރުން މިހާރުވެސް އެކަން ޙައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިގޮތުން، ވޭތުވެދިޔަ ސަރުކާރުން ކަނޑުފަޅުން ދޫކޮށްފައި ހުރި ގޯތިތައް ހިކިފަސްތަނަކަށް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"ހުޅުމާލެ ފޭސް 3 ހިއްކައި، އެ ތަނުން ގޯތި ދިނުމުގެ ކަންކަން ކުރުމާއި، ފޭސް 2ން ދޭންހުރި ގޯތިތައް، މަގުމައްޗާ އެކީގައި އަރާގޮތަށް ދީފައި ހުރި ގޯތިތައް، ރީޕްލޭން ކޮށްގެން ގޯތިތައް ދިނުމާއި، ގިރާވަރުފަޅު އެކީގައި ހިއްކައި ނިމި، އެތާއޮތް ރިޒޯޓަށް އަރާގޮތަށާ އެކީގައި، ކަނޑަށާ އެކީގައިދާވަރަށް ދީފައިހުރި ގޯތިތައް، އޭގެތެރެއިން ފަޅުން ބޭރުން ދީފައިހުރި ގޯތިތައް ނަގައި، ގުޅީފަޅަށް ބަދަލުކޮށް، ގުޅީފަޅުން ގޯތި ދިނުމާ، މިކަންކަން ވަރަށްބޮޑު ތަނުން ކުރެވިއްޖެ. ދެން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ."ރައީސް ވިދާޅުވިއެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން އެ މަސައްކަތަށް ކުޑަ މެދުކެނޑުމެއް އައި ނަމަވެސް، މިހާރު އެ މަސައްކަތް އަލުން ފެށިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ގިރާވަރުފަޅު އެކީގައި ހިއްކައި ނިމޭނެ ކަމުގެ އުފާވެރި ޚަބަރު އެމަނިކުފާނު ދެއްވިއެވެ. ހަމައެފަދައިން، ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ވެސް އަލުން ފެށިފައިވާ ކަމަށާއި، މި އަހަރުގެ ނިޔަލަށް އެތަން ހިއްކައި ނިމޭނެ ކަމަށް ވިދާޅުވިއެވެ.
ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މި ސަރުކާރުން ހަވާލުވިއިރު އެ ތަންތަނުގެ މަސައްކަތް ނިމިފައި އޮތީ އެންމެ 25 އިންސައްތަ ކަމަށެވެ. ނަމަވެސް، މި ސަރުކާރުން އެ ތަންތަން ނިންމައި މިހާރު އޭގެ ޙައްޤުވެރިންނާ ހަވާލުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، މި ސަރުކާރުން މަސައްކަތް ކުރަނީ ނަތީޖާއަށް ބަލައިގެން ކަން ހާމަކުރެއްވުމަށްޓަކައި ތަފާސްހިސާބުތަކެއް ވެސް ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި އަށް މަސް ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫޢު ނިންމައި ޑެލިވަރ ކޮށްފައިވެއެވެ. މިއީ އޭގެ ކުރީގެ ދެ ސަރުކާރުން މި މުއްދަތުގައި ނިންމި މަޝްރޫޢުތަކަށްވުރެ ބޮޑުތަނުން އިތުރު އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ މިނިވަން ދުވަހާ ހަމައަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވަމުން ވިދާޅުވީ، އެ ތާރީޚަށް ދާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ، ކުނި މެނޭޖްކުރުން، އޭޓީއެމްގެ ޚިދުމަތް، އަދި ވަރުގަދަ ޞިއްހީ ނިޒާމެއް ޤާއިމުވެފައި އޮންނާނެ ކަމަށެވެ. އަދި ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތާއި، 30 މިނިޓުން ދެވޭ ހިސާބުގައި އެއަރޕޯޓުތައް ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ކޮންމެ އަތޮޅެއްގައި ބޯހިޔާވަހިކަން ޤާއިމުކޮށްދީފައި ހުންނާނެ އިރާދަކުރެއްވިއްޔާ، 2028 ވަނަ އަހަރުގެ ޖުލައި 26 އަންނައިރުގައި." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ވިލިމާލެ ހޮސްޕިޓަލާއި، ތިލަމާލެ ބްރިޖު އަދި މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢު ނިމިގެންދާނެ ކަމަށާއި، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.