ތިމާއަށް ކުރެވޭ ކުށްތައް އެންމެ ފުރަތަމަ ފާހަގަކުރެވޭނީވެސް ބައިވެރިޔާއަށެވެ. އެއީ އޭނާގެ އުޅުމަށާއި ކުރާ ކަންކަމަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. ޚާއްޞަކޮށް ފިރިމީހާއަށް އަންނަ ބަދަލުތައް ހެޔޮލަފާ އަނބިންނަށް ފާހަގަކުރެވޭނެއެވެ.
ބައެއް ފިރިހެނުންނަށް ވިސްނިފައި އޮންނަނީ ތިމާ އުޅެން ބޭނުންވާހައި ގޮތަކަށް އުޅެން ދޫކޮށްލައި ފުދިގެން ނުއިންނަމަ އެއަނބިމިހާއަކީ ކަމުދާ އަންތބެއް ނޫންކަމަށެވެ. އެއަނބިމީހާ ދޫކޮށްލައި ފުދިގެން އިންނާނެ އަންތބަކު ހޯދަންވީ ކަމަށެވެ.
ނަމަވެސް މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އަންހެނަކު ކަމުގައިވީނަމަވެސް އަދި ފިރިހެނަކު ކަމުގައިވީނަމަވެސް ކުރާނެހައި ކަމެއްކޮށް އުޅޭނެހައި ގޮތަކަށް އުޅެން ފުދިގެން އިންނަނަމަ ނުވަތަ ހުންނަނަމަ އެމީހަކީ ހުރިހާ ގޮތަކުން ފޭލްވެފައިވާ މީހެކެވެ. ނުވަތަ މަޖުބޫރީ ތަކެއްގެ ސަބަބުން ކަސްތޮޅު އެޅިފައިވާ މީހެކެވެ. ނުވަތަ އަނެކާގެ ކިބައިން ނާޖާއިޒު ފައިދާއެއް ޙާޞިލުކުރަން ބޭނުންވާ މީހެކެވެ.
ފިރިންނަކީ އެއްވެސް ޒަމާނެއްގައި މިބުނި ގޮތަށް ފުދިގެން ތިބޭ ބައެއް ނޫނެވެ. ނަމަވެސް އަނބިން ފުދިގެން ތިބި ދުވަސްވަރެއް ވަރަށް ކުރީގެ ޒަމާނެއްގައި ދިއައެވެ. އެއީ އެއިރު އަންހެނުންނާއިމެދު އޮތް ޙާލަތުގެ ސަބަބުންނެވެ. އަންހެނުންނަށް ތިބެންޖެހިފައި އޮތް ޙާލަތުގެ ސަބަބުންނެވެ.
ނަމަވެސް މިއަދު މިވަނީ ޒަމާން ފަސްވެ އަންހެނުންގެ ޙާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ތަޢުލީމާއި މަސައްކަތްކުރުމާއި އާމްދަނީ ހޯދުމުގައި އަންހެނުން މިވަނީ ފިރިހެނުންނާއި އެއް ސަފަށް އަރައިފައެވެ. މިއަދު އަންހެނުންނަކީ ބައެއް ފިރިހެނުންނަށްވުރެ ކާމިޔާބުކަމާއިއެކު ވިޔަފާރިވެސް ކުރާބައކެވެ. މަތީ މަޤާމުތައްވެސް އަންހެނުން ގެންދަނީ ފުރަމުންނެވެ. އެއިގެ ތެރޭގައި އެންމެ މަތީ މަޤާމްތައްވެސް ހިމެނެއެވެ.
ވީމާ ތަންދޮރު ދަންނަ، ތިމާއަށް ދެވަނަ ދިރިއުޅުމެއް ކާމިޔާބުކުރެވިދާނެކަމުގެ ޔަޤީންކަން އޮންނަ އަންހެނުން މިހާރު ހުރިހާ ކަމަކަށް ފުދިގެނެއް ނުތިބޭނެއެވެ. ގިނަ އަންހެނުންނަކީ ނިކަމެތި ޙާލުގައި އުޅެންޖެހުނަސް ހިތްދަތިކަމުގައި ޢުމުރު ހޭދަކުރަން ބޭނުންވާނެ ބައެއް ނޫނެވެ.
ހެޔޮލަފާ އަނބިން ފުދިގެން ނުތިބެނީ ކޮންމެހެން ފިރިމީހާ އާއި ޗެލެންޖްކުރަން ނުވަތަ ވާދަކުރާކަށް ނޫނެވެ. ފިރިމީހާ އުޅެމުން އަންނަ ގޮތުން ނުވަތަ ކުރާ ކަންކަމުގެ ސަބަބުން ފިރިމީހާއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަން ވިސްނިގެން ނަޞޭޙަތް ދިނުމުން އެނަޞޭޙަތް ޤަބޫލުނުކުރާ ނަމަވެސް ފިރިމީހާ ގެއްލި ހަލާކުގެތެރެއަށް ވެއްޓިގެންދާތަން ބަލާކަށް ނުތިބޭނެއެވެ.
މިޘާލަކަށް މަސްތުވާ އެއްޗެއް ބޭނުންކުރާކަން އެނގުމުން އެކަން ހުއްޓާލަން ބުނުމުން ހުއްޓައިނުލާނަމަ އެކަމުގެ ތެރޭގައި ފިރިމީހާ ހަލާކުވެގެންދާތަން ބަލާކަށް ނުތިބޭނެއެވެ. ހަމައެގޮތަށް ހިލޭ އަންހެނުންނަށް ޚަރަދުކުރާނަމަ ޚާއްޞަކޮށް އެކަމުގެ ސަބަބުން އަނބިދަރިންނަށް ކުރަންޖެހޭ ޚަރަދުތައް ނުކުރެވޭނަމަވެސް ހެޔޮ ލަފާ އަނބިން އެހެން ގޮތެއް ހޮދާނެއެވެ. ތަނަވަސްކަން ހުރިފިރިމީހާ ހިލޭ އަންހެނުންނަށް ޚަރަދުކުރަމުން ގޮސް ބަނގުރޫޓުވާތަން ބަލާކަށްވެސް ހެޔޮލަފާ އަނބިންނެއް ނުތިބޭނެއެވެ.
ވީމާ ތިމާއަށް ކުރެވޭ ކަމެއް ހުއްޓާލަން އަނބިމީހާ ބުނެފިނަމަ އެކަމަށް ވަރަށް ފުންކޮށް ވިސްނާލަންވާނެއެވެ. އަނބިމީހާ އެބުނާ ބަހުގައި ހުރި ބުރަދަން ދެނެގަންނަންވާނެއެވެ. އެކަން ނުހުއްޓުމުން ތިމާއަށް ލިބޭނެ ގެއްލުމާއިމެދުގައިވެސް ވިސްނަންވާނެއެވެ. ހުޝިޔާރު އަދި އެންމެ ކާމިޔާބު ފިރިންނަކީ ތިމާގެ ކަންކަން އިޞްލާޙްކޮށް ދުނިޔެއާއި އާޚިރަތުގައިވެސް އުފާވެރިކަން ހޯދަން ކުރިމަތިލައި ކާމިޔާބު ހޯދާ ފިރިންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން