ހަމައެކަކަށްވެސް ޙަސަދަވެރިނުވުމުން ލައްވަވާނެ ރަޙުމަތް މާބޮޑުވާނެ! އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 5މ 1ސ
ހަމައެކަކަށްވެސް ޙަސަދަވެރިނުވުމުން ލައްވަވާނެ ރަޙުމަތް މާބޮޑުވާނެ! އިން ޝާ ﷲ

ޢާއިޝަތު ރަފާޙް ޢަލީ

 

އަބޫ ހުރެއިރާ رضي الله عنه އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. 

((لَا تَحَاسَدُوا وَلَا تَنَاجَشُوا وَلَا تَبَاغَضُوا وَلَا تَدَابَرُوا وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ وَكُونُوا عِبَادَ اللَّهِ إِخْوَانًا الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يَخْذُلُهُ وَلَا يَحْقِرُهُ التَّقْوَى هَاهُنَا وَيُشِيرُ إِلَى صَدْرِهِ ثَلَاثَ مَرَّاتٍ بِحَسْبِ امْرِئٍ مِنْ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ دَمُهُ وَمَالُهُ وَعِرْضُهُ))  

މާނައީ: “ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރިނުވާށެވެ. އަދި ތިޔަބައިމީހުން އެމުދާ ގަތުމުގެ މަޤްޞަދަކާނުލައި މުދަލުގެ އަގު މައްޗަށް އެރުވުމަށްޓަކައި އޭގެ އަގު މައްޗަށް ކިޔަމުން ނުދާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެތިނުވާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަން ފުރަގަސް ނުދޭށެވެ. އަދި ތިޔަބައިމީހުން އެކަކުގެ ވިޔަފާރީގެ މައްޗަށް އަނެކަކުގެ ވިޔަފާރި އިސްނުކުރާށެވެ. އަަދި ތިޔަބައިމީހުން ﷲގެ އަޅުންކަމުގައިވާޙާލު އަޚުންތަކެއް ކަމުގައިވާށެވެ. މުސްލިމަކީ އަނެއް މުސްލިމުގެ އަޚާއެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާ ނުކުރާނެއެވެ. އަދި އޭނާ އޭނާގެ އަޚާއަށް އެހީތެރިކަން ބޭނުންވާ ވަގުތު އެހީނުވެ ނުހުންނާނެއެވެ. އަދި އޭނާ އޭނާގެ އަޚާ އަށް ނިކަމެތިކަމުގެ ލޮލުން ނުދެކޭނެތެވެ. ތަޤުވާވެރިކަންވަނީ މިތާގައޭ ވިދާޅުވެ އެކަލޭގެފާނުގެ އަމިއްލަ މޭފުޅަށް ތިންފަހަރު އިޝާރާތްކުރެއްވިއެވެ. ތިމާގެ އަނެއް މުސްލިމް އަޚާއަށް ނިކަމެތި ކަމުގެ ލޮލުން ބެލުނު މީހާ ނުބައިކަމެއްގެ ގޮތުގައި ފުދެއެވެ. އެއްމުސްލިމު އަނެއް މުސްލިމެއްގެ މައްޗަށް އޭނާގެ ލެއާއި އޭނާގެ މުދަލާއި އޭނާގެ އަބުރު ވަނީ ޙަރާމް ވެގެންނެވެ." 

މި ޙަދީޘްފުޅުގައި، މުސްލިމުންނަށް ވާޖިބުވާ ބައެއް ކަންކަން ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް އަންގަވާފައިވެއެވެ. އެގޮތުން އެއްބަޔަކު އަނެއްބަޔަކަށް ލޯތްބާއި، އޯގާތެރިކަމާއި، ރިވެތި މުޢާމަލާތަކުން މުޢާމަލާތް ކޮށްގެން އުޅުމަށް އަންގަވާފައިވެއެވެ.  

އަދި ނުބައި އަޚްލާޤުގެ ސިފަތަކުގެ ތެރެއިން ޙަސަދަވެރިކަމާއި، އަނިޔާވެރިކަމާއި، މަކަރުހެދުން ފަދަ ކަންކަމުން ދުރުހެލިވުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އެކަމުގެ ސަބަބުން މުސްލިމުންގެ ތެރޭގައި ރުޅިވެރިކަން އުފެދި ބައިބައިވެގެން ދާނެއެވެ. އެއްމުސްލިމު އަނެއް މުސްލިމެއްގެ މައްޗަށް އޭނާގެ ލެއާއި އޭނާގެ މުދަލާއި އޭނާގެ އަބުރު ވަނީ ޙަރާމް ވެގެންނެވެ. އަދި މިފަދަ ރަނގަޅު ސިފަތައް އަސަގަނެވޭނީ ތަޤްވާވެރިަކަން އިތުރު ކުރުމުންނެވެ. 

މި ޙަދީޘުން ލިބޭ ނައެއް ފައިދާތައް

·      އަޅުގަނޑުމެންނަށް އަމުރުކުރެވިގެން ވަނީ ރަނގަޅަށް ފުރިހަމައަށް އީމާންވުމަށެވެ. ފުރިހަަމައަށް އީމާންވުމަކީ ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިވުމެވެ.

·      ނުބައި، ހަވާ ނަފްސުގެ އެދުންތަކުންނާއި ނުބައި ޢަމަލުތަކުން ދުރުހެލިވުން، އޭގެ ސަބަބުން ރުޅިވެރިކަން އުފެދިގެންދާނެ

·      މުސްލިމުން އެކުވެރިވެ އެއްބައިވަންތަވުމަށް ބާރު އެޅުއްވުން

·      އަނިޔާވެރިކަން މަނާކުރެއްވުން

·      އެއް މުސްލިމަކު އަނެއް މުސްލިމަކަށް ބޭނުން ޖެހިއްޖެނަމަ އެހީތެރިވުމަކީ ޙައްޤުތަކުގެ ތެރެއިން ވާކަމެއްކަން އަދި އެކަން ދޫކޮށްލާގެން ނުވާނެކަން

·      ތަޤްވާވެރިކަން އިތުރުކުރުމުގެ މުހިއްމުކަން، ހެޔޮ ޢަމަލުތައް އިތުރަށް ކުރެވޭނީ ތަޤްވާވެރިވެގެންކަން

·      އެއްމުސްލިމު އަނެއް މުސްލިމެއްގެ މައްޗަށް އޭނާގެ ލެއާއި އޭނާގެ މުދަލާއި އޭނާގެ އަބުރު ވަނީ ޙަރާމް ކުރެވިގެންވާކަން

·      ތެދުވެރިކަމުގެ މުހިއްމުކަން، އަދި ދޮގު ހެދުމުގެ ނުބައިކަން

·      ކާފިރުންނަށްވުރެ މުސްލިމުން މާތްވެގެން ދާނެކަން

·      ޙަސަދައާއި ރުޅިވެރިކަމާއި އަނިޔާވެރިކަން މަނާކުރެއްވުން

 

މިއަދު އޮންލައިން