މަސްވެރިންނަށް މިއަދުން ފެށިގެން ކަނޑުއޮތްގިރިން އައިސް ވިއްކުމުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށް މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯއިން ބުނި ގޮތުގައި ކަނޑުއޮތްގިރިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔަކާއި ފަސޭހައެކެވެ. މީގެ ސަބަބުން މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކަނޑުއޮތްގިރީގައި ގާއިމުކޮށްފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. މި އައިސް ޕްލާންޓުގެ ހިދުމަތާއެކު، އެ ރަށުގައި މި މަހުގެ ތެރޭގައި ވަނީ ހިކިމަސް އުފައްދާ ފެކްޓަރީއެއް ވެސް ރަސްމީކޮށް ހުޅުވާފައެވެ.
މި މަޝްރޫއަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި މަސްވެރިންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު މަޝްރޫއެކެވެ.