ވިލިމާލޭގައި އަލަށް ބިނާކުރި ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތާއެކު، ކަނޑުމަތީގައި ހާލުގައިޖެހޭ މީހުންނާއި އުޅަނދުފަހަރަށް އެހީތެރިވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ދިގު މުއްދަތަކަށް މަޑުޖެހިފައި އޮތް މި މަޝްރޫޢު އަވަހަށް ނިންމާލެވުނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުއިއްޒު މިކަމަށް ދެއްވި ޚާއްސަ އިސްކަމުގެ ސަބަބުން ކަމަށެވެ. މިއީ އަސްކަރިއްޔާއިން ކޮންމެހެން ނިންމަން ބޭނުންވެފައި އޮތް މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވިލިމާލޭގައި ގާއިމުކުރި މި އައު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ. އެގޮތުން މި އިމާރާތުގައި އޮޕަރޭޝަން ރޫމާއި، ތަމްރީނުދޭނެ ކުލާސްރޫމުތަކުގެ އިތުރުން އޮޑިޓޯރިއަމް ފަދަ މުހިންމު ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ.
"ޒަމާނީ ވަސީލަތްތަކާއި އެކު ކަނޑުމަތީގައި ހާލުގައި ޖެހޭ އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މީހުން ސަލާމަތްކުރުމުގެ ސައްކަތްކުރުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ އެހީއާއި ޔޫއެންއޯޑީސީ ގެ އެއްބާރުލުމާއެކު، އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މި ސެންޓަރުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތްތަކަށް އައު ދިރުމެއް ލިބިގެންދާނެއެވެ.