އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ނޭވީ މަނަވަރު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކަނޑުގެ ޚިދުމަތަށް ނެރެ، ރަސްމީކޮށް ކޮމިޝަންކޮށްފިއެވެ.
މިކަމަށް ޓަކައި ޖުލައި 27ވަނަ ދުވަހުގެރޭ ހުޅުމާލޭ އެމްޕީއެލް ބަނދަރު ސަރަހައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މި މަނަވަރު ކޮމިޝަންކޮށްދެއްވައި މަނަވަރުގެ ނަން ކަޝްފުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ މައިދާނަށް ވަޑައިގަތުމުން، އެރައިވަލް ކޯލެއް ކުޅުމަށްފަހު، އެމަނިކުފާނުގެ ޝަރަފުގައި އޮނަރގާޑެއް އަރުވައި ދެ ޤައުމުގެ ޤައުމީ ސަލާމް ވަނީ ކުޅެފައެވެ.
މި ރަސްމިއްޔާތުގައި، އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން މަނަވަރުގެ ރަމްޒީ ހަނދާނެއް ވަނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދަށް އަރުވާފައެވެ. މި ރަމްޒީ ހަނދާން ހަވާލުކޮށްދެއްވީ، އޮސްޓްރޭލިޔާ ސަރުކާރުގެ ސްޕެޝަލް އެންވޯއީ ފޮރ އިންޑިއަން އޯޝަން، އޮނަރަބަލް ޓިމް ވޮޓްސްއެވެ. އަދި އޮސްޓްރޭލިޔާ ސަރުކާރަށް އަރުވާ ޝުކުރުގެ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ.
މި ރަސްމިއްޔާތުގައި، މަނަވަރުގެ ނަން ކަޝްފުކޮށްދެއްވުމަށްފަހު، ޚިދުމަތް ފެށުމުގެ ލިޔުމާއި އަދި ޤައުމީ ދިދަ، މަނަވަރުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް ޝިނާން ޒާހިރުއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އެއަށްފަހު މަނަވަރުގެ އޮފިސަރުންނާއި ކަލާސީން ވަނީ ކޮމިޝަނިންގ ޑްރިލެއް ކުރިއަށްގެންގޮސްފައެވެ.
ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ވަނީ މަނަވަރަށް އަރާވަޑައިގެން މަނަވަރު ބައްލަވާލައްވައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން އޮސްޓްރޭލިޔާ ސަރުކާރުގެ ސްޕެޝަލް އެންވޯއީ ފޮރ އިންޑިއަން އޯޝަން، އޮނަރަބަލް ޓިމް ވޮޓްސް ވާހަކަފުޅު ދެއްކެވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކަނޑުގެ އަރުމާދަށް އިތުރު ކުރެވުނު މި މަނަވަރަށް ދެވިފައިވާ ނަމަކީ "ޢިމާދުއްދީން" އެވެ. މި ނަމަކީ އުތީމު ދަރިކޮޅުގެ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (ކަޅުތުއްކަލާ / ބޮޑު ރަސްގެފާނު) އަށް ނިސްބަތްކޮށް ދެވިފައިވާ ނަމެކެވެ.
އޮސްޓްރޭލިޔާގެ "އޮސްޓަލް ލިމިޓެޑް"އިން ފަރުމާކޮށް ބަނދެފައިވާ މުޅިން އައު މި މަނަވަރަކީ ކަނޑުމަތީގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓްކުރުމަށް އެކަށޭނެ އެންމެ ޒަމާނީ ނިޒާމުތަކާއި ޓެކްނޮލޮޖީ އެކުލެވޭގޮތަށް ބަނދެވިފައިވާ އުޅަނދެކެވެ.
މި މަނަވަރު ރަސްމީކޮށް ދިވެހިރާއްޖެއާ ހަވާލުކޮށްފައިވަނީ 19 އެޕްރިލް 2026ގައި އޮސްޓްރޭލިޔާގެ ޕަރތްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ވެސްޓް އޮސްޓްރޭލިޔާއިން ފުރައިގެން ރާއްޖެއަށް އައުމަށް މި މަނަވަރު ވަނީ 3,000 ނޯޓިކަލް މޭލަށް ވުރެ ދިގު ރާސްތާއެއް ކަޑައްތުކޮށްފައެވެ. މިއީ އެމްއެންޑީއެފްގެ ތާރީޚުގައި ވެސް ދިވެހި ސިފައިން އަމިއްލައަށް އޮޕަރޭޓްކުރި މަނަވަރެއް ކުރި އެންމެ ދިގު ދަތުރެވެ. 14 ދުވަހުގެ މި ދަތުރަށް ފަހު މަނަވަރު މާލެ އައިސްފައިވަނީ 15 ޖޫން 2026ގައެވެ.
މި މަނަވަރުގެ ޚިދުމަތް ފެށުމުގެ ކުރިން، މަނަވަރުގެ ކަލާސީން ވަނީ އޮސްޓްރޭލިޔާގައި ގާތްގަނޑަކަށް ތިން މަސްދުވަހުގެ "ޕްރީ-ކޮމިޝަނިންގ" ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، އުޅަނދު އޮޕަރޭޓްކުރުމުގެ ޢަމަލީ ތަޖުރިބާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮފިސަރުންނާއި އެންލިސްޓެޑް ކަލާސީނުން ވަނީ ކުކް އައިލެންޑްގެ ކަނޑުމަތީގެ އަސްކަރިއްޔާއާ އެކު ދެ ހަފުތާގެ ޢަމަލީ ތަމްރީނު ފުރިހަމަކޮށްފައެވެ.
މި މަނަވަރު އެމްއެންޑީއެފްގެ ކަނޑުގެ އަރުމާދާ ގުޅުމަކީ އޮސްޓްރޭލިޔާއާއި ދިވެހިރާއްޖޭގެ 52 އަހަރަށް ވުރެ ގިނަ ދުވަސްވީ ޑިޕްލޮމެޓިކް ގުޅުމުގައި ހުޅުވާލެވޭ މުޅިން އައު ބާބެކެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ، ބިނާކުރަނިވި ދިފާޢީ ގުޅުމުގެ ފުރިހަމަ ރަމްޒެކެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި މަނަވަރު "ޢިމާދުއްދީން" ވެގެންދާނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޤާބިލުކަން އެތައް ގުނައެއް އިތުރުކޮށްދޭނެ މުހިންމު އުޅަނދަކަށެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އޮސްޓްރޭލިޔާ ސަރުކާރުގެ ސްޕެޝަލް އެންވޯއީ ފޮރ އިންޑިއަން އޯޝަން، އޮނަރަބަލް ޓިމް ވޮޓްސްއާއި، އޮސްޓްރޭލިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕްއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އޮސްޓްރޭލިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކާނަލް އަމާންޑާ ޖޯންސްޓަން ބައިވެރިވެވަޑައިގެންނެވިއެވެ.