"ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކޮށްދޭނެ މުހިންމު އުޅަނދެއް: ޗީފް އޮފް ޑިފެންސް ފޯސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
"ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކޮށްދޭނެ މުހިންމު އުޅަނދެއް: ޗީފް އޮފް ޑިފެންސް ފޯސް

އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކޮށްދޭނެ މުހިންމު އުޅަނދެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

މި އުޅަނދު ކޮމިޝަން ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިލްމީ ވަނީ މި އުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން ފާހަގަކުރައްވާފައެވެ.

މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ، ސަރަހައްދީ ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކާއި ގައުމީ ރައްކާތެރިކަމަށް ހުރި ނުރައްކާތަކާ ކުރިމަތިލުމަށް މިފަދަ އުޅަނދުތަކުގެ ބޭނުންތެރިކަން މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނު ތަންފީޒުކޮށް، ގައުމުގެ ސިޔާދަތީ ބާރު ދެމެހެއްޓުމުގައި ކޯސްޓްގާޑުގެ ދައުރު މި މަނަވަރުގެ ސަބަބުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަސްކަރީ ގާބިލުކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވަމުން ހިލްމީ ވިދާޅުވީ، "މި އުޅަނދަކީ ސިފައިންނާ މަތިކޮށްފައިވާ ގައުމީ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އާ ހަރުފަތަކަށް ވާސިލުވުމަށް ލިބުނު ބާރެއް" ކަމަށެވެ.

މި އުޅަނދަކީ އޮސްޓްރޭލިޔާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ފޯރުކޮށްދިން އެހީތެރިކަމެއްގެ ދަށުން ލިބުނު އުޅަނދެކެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ދިމާވާ އެކި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން އެމްއެންޑީއެފް ކޯސްޓްގާޑުގައި މިހާރަށްވުރެ އިތުރުވެގެންދާނެއެވެ.

މިއަދު އޮންލައިން