ފަސޭހައިން ތައްޔާރުކޮށްލެވޭ މީރު ސޭންޑްވިޗެއް! ޚަރަދުވެސް ކުޑަ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ފަސޭހައިން ތައްޔާރުކޮށްލެވޭ މީރު ސޭންޑްވިޗެއް! ޚަރަދުވެސް ކުޑަ!

އުންމު ނަވާރުގެ މިރިސިޕީ ގެނެސްމިދެނީ އޮފީހަށް ގޮސް ސައިބުއިމަށް ބޮޑެތި ޚަރަދުތައް ކުރާ މީހުންނަށެވެ. ފުރަތަމަ ގޮތަކީ ގޭގައި ތައްޔާރުކޮށްލައިގެން ދިއުމެވެ. ދެވަނަ ގޮތަކީ އޮފީހަށް ގޮސް ތައްޔާރުކޮށްލުމެވެ. ނުލާހިކު ފަސޭހައިން އެބަ ތައްޔާރުކުރެވެއެވެ. ޚަރަދުވެސް އެހައިމެ ކުޑައެވެ. ރަހަވެސް ވަރަށް މީރެވެ. ތަޖުރިބާކޮށްލަމާ ހިނގާށެވެ! 

ފްރައިޑް ޓޫނާ އެގް ސޭޑްވިޗް:  

ބޭނުންވާ ތަކެތި: 

1 ފެނު ކެއްކި ބިސް ގާނާލާފައި

2 މޭޒުމަތީ ސަމުސާ ގާނާފައި ހުރި ކެރެޓް

1 ސައި ސަމުސާ ކުދިކޮށް ކޮށާލައިފައި ހުރި ފިޔާ

1 ކުޑަ ރޯމިރުސް ކުދިކޮށް ކޮށާފައި ހުރި

2 މޭޒުމަތީ ސަމުސާ މަސް ( ދަޅު މަހުގެ)

ލޮނު ރަހަލާވަރަށް

އަސޭމިރުސް ރަހަލާ ވަރަށް

 1 މޭޒުމަތީ ސަމުސާ މަޔޯނައިސް

3 މޭޒުމަތީ ސަމުސާ ބަޓަރު

2 ފޮތި ޕާން  

ތައްޔާރުކުރާނެ ގޮތް:  

ތަވަޔަކަށް 2 މޭޒުމަތީ ސަމްސާ ބަޓަރު އެޅުމަށްފަހު 2 ފޮތިޕާން ރަން މުށި ކުލަ އަރަންދެން ޓޯސްޓް ކޮށްލާށެވެ. ޓޯސްޓް ކޮށްލާ ނިމުމުން ތައްޓަކަށް ނަގާ ބާއްވާލާށެވެ. ޕާން ޓޯސްޓް ކުރި ތަވާގެ ތެރެއަށް އިތުރު 1 ސަމްސާ ބަޓަރު އެޅުމަށްފަހު ފިޔާ، ކެރެޓް އަދި ރޯމިރުސް އަޅާ ދޭފަތަކުން ހަލަމުން ގެންދާށެވެ. ފިޔާ އަދި ކެރެޓް މަޑުވުމުން މަސްކޮޅާއި ގާނާފައި ހުރި ބިސް އަދި ލޮނު އަޅާށެވެ. 2 މިނެޓެއްހާއިރު ކެއްކުމަށްފަހު ލޮނު ހެޔޮވަރު ކޮށްލާފައި އުނދުން ނިވާލާށެވެ.  

ތައްޔާރުކުރި މަސްކޮޅު ހިހޫވުމުން އޭގެތެރެއަށް މަޔޯނައިސްއާއި އަސޭމިރުސް އެޅުމަށްފަހު އެއްކޮށްލާށެވެ.  

2 ޕާންފޮތި ނެގުމަށްފަހު ކޮންމެވެސް އެއް ފޮއްޗެއްގެ މަތީގައި މަސްކޮޅު ފަތުރާލާށެވެ. އެއަށްފަހު ދެން އޮތް ޕާންފޮތި ބާއްވާލާށެވެ. އެއިރުން އެއޮތީ ފްރައިޑް ޓޫނާ އެގް ސޭޑްވިޗް ހެދިފައެވެ. 

ނޯޓް: މި ރެސެޕީއަކީ ސޯޝަލް މީޑިއާއިން އަޅުގަނޑަށް ފެނުނު ދެ ރެސިޕީއެއް މޮޑިފައިކޮށް ދިވެހިންގެ ރަހަތަކާއި ގުޅުވައިގެން ލިޔެފައިވާ ރެސެޕީއެކެވެ.

 

- އުންމު ނަވާރު

މިއަދު އޮންލައިން