އަޅުގަނޑަކީވެސް މިއަދުނޫސް ކިޔާ މީހަކީމެވެ. ދާދިފަހުން ކިޔާފައިވާ ލިޔުމަކާއި ގުޅިގެން އަޅުގަނދަށް އެނގޭ ކަމެއް ޙިއްޞާކޮށްލާނަމެވެ.
އެކައިވެނިކުރެވުނުއިރު ފިރިމީހާގެ 10 އަހަރުގެ ދަރިއަކު ހުއްޓެވެ. ފިރިމީހާ ގޭގައި ނުއުޅޭ ވަޤުތުތަކުގައި އަނބިމީހާ އެދަރިފުޅާއިމެދު ކަންކަން ކުރަނީ ވަރަށް ގޯސްކޮށެވެ. އެކަމަކުވެސް ދަރިފުޅު އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ބައްޕަގެ ގާތަކު ނުވެސް ބުނެއެވެ.
ފިރިމީހާއަށް ފާހަގަކުރެވުނީ އަނބިމީހާ ގެއަށް ގެނައިފަހުން ދަރިފުޅު ހިކެމުން އަންނަ ކަމެވެ. އެހެންވެ އަނބިމީހާއާއި ސުވާލުކުރުމުން ބުނީ ދަރިފުޅާއިމެދު ކަންކަން ކުރަނީ އަމިއްލަ ދަރިއަކު ފަދައިން ކަމަށެވެ. ދެރަވާނެ ކަމެއްވެސް ނުކުރާކަމަށެވެ.
ފިރިމީހާ އެދުނީ ތިއައީ ތެދެއް ކަމަށް ﷲ ގަންދީ ހުވާކުރުމަށެވެ. އަނބިމީހާ އެއްވެސް ޖެހިލުމެއް ނެތި ހުވާކުރިއެވެ. ފިރިމީހާ އެހިސާބުން އެވާހަކަ ހުއްޓައިލިއެވެ.
އެކަމަކު އެރޭ ނިދާފައި ހޭލިއިރު އަނބިމީހާއަކަށް ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ. ބަހެއް ބުނެވެނީ ވަރަށް އުނދަގުލުންނެވެ. އެހެންވެ ގެންގޮސް ޑޮކްޓަރަށް ދެއްކުމުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ބުނީ އެއްވެސް ޞިއްޙި މައްސަލައެއް ނެތް ކަމަށެވެ. ވާހަކަ ނުދެއްކެންވީ ސަބަބެއް ނުއެނގޭ ކަމަށެވެ.
ފިރިމީހާ އަނބިމީހާއަށް ވިސްނައިދިނެވެ. "ތިބާކުރި ހުވާގެ ޙަޤީޤަތް އެނގޭނީ ތިބާއަށެވެ. އެއީ ތެދެއްކަން ނުވަތަ ދޮގެއްކަން އެންމެ ރަނގަޅަށް އެނގޭނީ ތިބާއަށެވެ. އެއީ ދޮގެއްނަމަ ތައުބާވާށެވެ. އަހުރެން ކައްފާރާ އަދާކޮށްދޭނަމެވެ. އިތުރަށް ދަރިފުޅުގެ ކިބައިން މާފަށް އެދޭށެވެ. ދަރިފުޅާއިމެދު ގޯސްކޮށް ކުރެވެމުން އައި ކަންކަން ކުރުން ހުއްޓައިލާށެވެ. ބަދަލުގައި ހެޔޮކޮށް ކަންކަން ކުރަންފަށާށެވެ. އަދި ތިއަކަމުން ސަލާމަތްކޮށްދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދާށެވެ."
އަނބިމީހާއަށް ރޮވުނެވެ. ކުށަށް އިޢުތިރާފްވެ ފިރިމީހާ ބުނިގޮތަށް ކަންކަން ކުރަން ފެށިއެވެ. ިރިމީހާ އޭނާއަށް މާފުކުރިއެވެ. ދަރިފުޅުވެސް މާފުކުރިއެވެ. މަޑުމަޑުން ރަނގަޅުވަމުން އައިސް އެކުގައި ރަނގަޅުވީ 3 މަސް ފަހުންނެވެ.
އަޅުގަނޑު ބުނެލަން ބޭނުންވަނީ ދޮންދަރިންނަށްވެސް ގޯސްކޮށް ކަންކަން ނުކުޜާށެވެ. ޚާއްޞަކޮށް ދޮގުހުވާ ނުކުރާށެވެ. ދޮގ7ުހުވާ ކުރީމާ މިގޮތަށް ވަޤުތުން ކަންކަން މެދުވެރިނުވިނަމަވެސް އެކަމުގެ ޢުޤޫބާތާއި ކުރިމަތިލާން ނުޖެހިނުދާނެއެވެ.
- ސަލްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ