ފަތިސްނަމާދުގެ ބަންގިއާ ޤަމަތްދިނުމާ ދެމެދުގައިވާ ވަޤުތުކޮޅުގެ މަތިވެރިކަން ބޮޑުކަމާ އެވަޤުތޮޅުން ޙާޞިލުކުރެވެންހުރި ބޮޑެތި ފައިދާތަކުން ބައެއް ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ފަތިސްނަމާދުގެ ބަންގިއާ ޤަމަތްދިނުމާ ދެމެދުގައިވާ ވަޤުތުކޮޅުގެ މަތިވެރިކަން ބޮޑުކަމާ އެވަޤުތޮޅުން ޙާޞިލުކުރެވެންހުރި ބޮޑެތި ފައިދާތަކުން ބައެއް ކަންކަން!

ތިމާއަކީ ތަޤްވާވެރިއަކު ނަމަ އެދޭނީ ފަތިސްނަމާދުގެ ބަންގިއާއި ޤަމަތް ދިނުމާއި ދެމެދުގައި އޮންނަ ވަޤުތު ވީހައި ދިގުވެގެން ދިއުމަށެވެ. ސަބަބުތަކުގެ ތެރެއިން 2 ކަމެއް ފާހަގަކޮށްލާނަމެވެ.  

ފުރަތަމަ ކަމަކީ އެއީ ޛިކުރުކުރަން އެންމެ އިތުރުކަން ބޮޑު ވަޤުތުތަކުގެ ތެރެއިންވެސް އިތުރުކަންބޮޑު ވަޤުތެއް ކަމެވެ. އަދި ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުތަކުގެ ތެރެއިންވެސް ވަޤުތެއް ކަމެވެ. އަދި އެވަޤުތަކީ ޢާންމުގޮތަކަށް ބަލާނަމަ ސިކުނޑި އެންމެ ތާޒާކަންމަތީގައި ހުންނާނެ ވަޤުތެވެ. އެއީ އެވަޤުތަކީ ނިދާ ހޭލައި ދުނިޔަވީ އެއްވެސް ކަމަކަށް ނުއެނބުރި ހުންނާނެ ވަޤުތަކަށްވުމުން ސިކުނޑީގައި ޚިޔާލުތައް މަދުވާނެތީއެވެ.  

ދެވަނަ ކަމަކީ ކޮންމެ މީހަކީ ބަންގީގެ ކުރިއަށް ވަޤުތު އޮއްވައި ހޭނުލެވިދާނެ މީހަކަށްވީނަމަވެސް ކޮންމެ މީހަކީވެސް ފަތިސްނަމާދުގެ އިހުސުންނަތް ޤަމަތް ދިނުމުގެ ކުރިން ކުރަން ބޭނުންވާނެ މީހަކަށްވާތީއެވެ. ރަވާތިބް ސުންނަތް ތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑު ސުންނަތަކީ ފަތިސްނަމާދުގެ އިހު ސުންނަތް ކަމަށްވާތީއެވެ. އެ 2 ރަކްޢަތަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ އަގުހުރި އެއްޗަކަށްވާތީއެވެ. އެހައިވެސް އިތުރުކަންބޮޑު ނަމާދަކަށްވާތީއެވެ.  

ދެން އޮތީ ފަތިސްނަމާދަށް ގޮސްތިބޭ ބަލިމީހުންގެ މައްސަލައެވެ. ނިޞްބަތުން އެއީ ވަރަށް މަދު ބައެކެވެ. އެހައި ބަލި މީހަކު ފެންނާނީ ވަރަށް މަދު މިސްކިތަކުންނެވެ. އެހައި ބަލިމީހަކު ނަމަ ޤަމާތް ދިނުމުގެ ވަޤުތާއި ގާތްކޮށްފައިވެސް އެފަދަ މީހުންނަށް މިސްކިތަށް ދެވިދާނެއެވެ.  

ކުރުކޮށްލާފައި ބުނަން އޮތީ އެމީހަކީ ތަޤްވާވެރިއަކު ނަމަ، ވީހާގިނަ އަޅުކަންކޮށްގެން ސުވަރުގެ ޙާޞިލްކުރަން ބޭނުންވާ މީހަކުނަމަ ފަތިސްނަމާދުގެ ބަންގިއާއި ޤަމަތް ދިނުމާއި ދެމެދުގައި އޮންނަ ވަޤުތު (މާލެ ސިޓީގައި ފަތިސްނަމާދުގެ ބަންގިއާއި ޤަމަތް ދިނުމާއި ދެމެދުގައި ދެމުން އަންނަނީ 15 މިނިޓުގެ ވަޤުތުކޮޅެކެވެ. އެއީ އެކަމަށް ކިރިޔާ ފުދޭމިންވަރުކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.) ގިނަވެގެން ކަންބޮޑެއް ނުވާނެއެވެ. އެދޭނީ ވީހާގިނަ ވަޤުތެއް ލިބުމަށެވެ. އިސްވެ މިބަޔާންކުރި ސަބަބުތަކަށްޓަކައެވެ.

 

- މަޢުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން