ރޭއަޅުކަމުގަ ފިރިމީހާ ކުރި ދުޢާއެއްގެ އަޑު އަނބިމީހާޢަށް އިވުމުން ކަންތައްވީގޮތް- ދިރިއުޅުމަށް ވަރަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ރޭއަޅުކަމުގަ ފިރިމީހާ ކުރި ދުޢާއެއްގެ އަޑު އަނބިމީހާޢަށް އިވުމުން ކަންތައްވީގޮތް- ދިރިއުޅުމަށް ވަރަށް އަގުހުރި ފިލާވަޅެއް!

އެއީވެސް ކައިވެނިކޮށް އުފަލުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. އަނބިމީހާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮވެއެވެ. އެއީ ފިރިމީހާގެ ބަސްމަދުކަމެވެ. އެހެންވެ ވިސްނުމުން އައީ ފިރިމީހާ އޭނާ ދެކެ ފޫހިވަނީ ކަމަށެވެ. ވާހަކަ ދައްކަން ބޭނުންނުވަނީ ކަމަށެވެ. އެގޮތަށް ވިސްނޭތީ އަނބިމީހާ ދިއައީ ފިރިމީހާ އާއި ވަކިވުމަށް ވިސްނަމުންނެވެ.  

ފިރިމީހާއަކީ ތަޤްވާވެރިއެކެވެ. ރޭއަޅުކަންވެސް ކުރެއެވެ. އެއްރޭ ފިރިމީހާ ރޭއަޅުކަންކުރަން ތެދުވީ އަނބިމީހާއަށް ހޭލެވިފައި އޮއްވައެވެ. ފިރިމީހާ ވުޟޫކޮށްލައިގެން އައިސް ދަމުނަމާދުކުރުމަށްފަހު ދުޢާކުރަން ފެށިއެވެ. އަޑުއިވޭވަރަށެވެ!  

"ޔާ ﷲ! މިއަޅާގެ އަނބިމީހާ އާއި މިއަޅާއާއި ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް ލޯބިލައްވަވާނދޭވެ! އެކަކު ކުރިން މަރުވުމުން ދުނިޔޭގެ ޙަޔާތުގައި ދެމީހުންނަށް ވަކިވާންޖެހުނަސް ސުވަރުގޭގައި އެކުގައި އަޅަމެން ލައްވަވާނދޭވެ! އަނބިމީހާގެ ތަޤްވާވެރިކަން އިތުރުކޮށްދެއްވަވާނދޭވެ! އަނބިމީހާއަކީވެސް ރޭއަޅުކަންކުރާ މީހަކު ކަމުގައި ލައްވަވާނދޭވެ!"  

ފިރިމީހާ ކުރި ދުޢާގެ ތެރެއިން މިބައި އަޑުއިވުމުން އަނބިމީހާއަށް ރޮވުނެވެ. ރޮވުނީ އުފަލުންނާއި ދެރަވެގެންނެވެ. އުފާވީ ފިރިމީހާ އޭނާދެކެ ލޯބިވާ މިންވަރު އެނގުމުންނެވެ. ދެރަވީ ހަޤީޤަތް ނުއެނގި ނުބައި ގޮތްގޮތަށް ފިރިމިހާއާއިމެދު ވިސްނުނީތީއެވެ.  

އަނބިމީހާޢަށް ދުޢާގެ އަޑު އިވުނު ކަމަކަށް ނުހަދައެވެ. ނަމަވެސް ރޭއަޅުކަންކުރަން ފެށިއެވެ. ދެމީހުން އެކުގައި ތަހައްޖުދު ނަމާދުކުރަން ފެށިއެވެ. ފިރިމީހާއަށް އެކަމުން ވަރަށް ބޮޑު އުފާވެރިކަމެއް ލިބުނެވެ.

މިވާހަކަކޮޅު ކިޔައި މިދިނީ މިކަމުން ޙާދިސާކުރަންޖެހޭ ޢިބްރަތް ބުނެދިނުމަށެވެ. އެއީ އަނބިމީހާގެ ކިބައިގައިވެސް އަދި ފިރިމިހާގެ ކިބައިގައިވެސް އަނެކާ ނުއެދޭ ސިފައެއް ނުވަތަ ސިފަތަކެއް ހުރެދާނެއެވެ. އެސިފައަކީ ނުބައި ސިފައަކަށް ނުވެފައި އެސިފައެއްގެ ސަބަބުން ދިރިއުޅުމަށް ގެއްލުން ނުވާނަމަ ވަކިވުމަށް ނުވިސްނާށެވެ. ދެމީހުންގެ މެދުގައި މަޝްވަރާކޮށްގެން ޙައްލު ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ.  

ބައިވެރިޔާގެ ކިބައިން ބޭނުންވާނީ ބަސްގިނަވުމެއް ނޫނެވެ. އަޅައިލުން ބޮޑުވުމެވެ. ލޯތްބާއި ކުލުނެވެ. ރަޙުމެވެ. ވަފާތެރިވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން