މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން 500އާ ގާތްކުރާ އަދަދަކަށް މަޝްރޫޢުތައް 2027ވަނަ އަހަރު ނިމެންވާއިރަށް ނިންމުމަށް އެ ކުންފުނިން އަމާޒު ހިފައިފިއެވެ. މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
ސަޢުދީ ވިދާޅުވި ގޮތުގައި އެމްޓީސީސީގެ ފަރާތުން މިހާރުވެސް 719 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރިއަށެވެ. މީގެ އިތުރުން 587 މަޝްރޫޢެއްގައި ސޮއިކޮށް، އެ މަސައްކަތްތައް އަމަލީގޮތުން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުތަކުގެ ތެރެއިން 28 މަޝްރޫޢެއްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް އެ ކުންފުނިން ދަނީ ބާރުމިނުގައި މަސައްކަތް ކުރަމުންނެވެ.
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، "2027ވަނަ އަހަރު ނިމެންވާއިރަށް 500އާ ގާތްކުރާ އަދަދަކަށް މަޝްރޫޢުތައް ނިންމަންޖެހޭ. ޚާއްސަ އިސްކަމެއް ދީގެން އަންނަ ދިރާސީ އަހަރަށް ތަޢުލީމީ ދާއިރާގައި ހަވާލުކޮށްފައިވާ މަޝްރޫޢުތައް ނިންމުމަށް ދަނީ މަސައްކަތްކުރަމުން" ކަމަށެވެ.
ސަޢުދީ އިތުރަށް ވިދާޅުވީ އަންނަ އަހަރަކީ އެންމެ ގިނަ މަޝްރޫޢުތައް ނިންމަން ޖެހޭ އަހަރު ކަމަށާއި، އެ މަސައްކަތްތައް ފަސޭހަކަމާއެކު ކުރިއަށްގެންދެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރަމުންދާ ކަމަށެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ދުވަސްވަރު ރައްޔިތުން އެދިފައިވާ މުހިންމު މަޝްރޫޢުތައް ހިމެނޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.