އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އިބްރާހިމް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އިބްރާހިމް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ) އަށް ދިވެހިރާއްޖޭގެ ފަރާތުން ކަނޑައަޅުއްވާ ދާއިމީ މަންދޫބުގެ މަޤާމަށް، މިހާރު ރާއްޖޭން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޠާރިޤް އިބްރާހިމް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވައި، ޠާރިޤް އިބްރާހިމް އެ މަޤާމަށް އައްޔަން ކުރެއްވުމަށް ރުހުން ހޯއްދެވުމަށްޓަކައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ އިއްވުމަށްފަހު، އިތުރަށް ދިރާސާ ކުރުމަށްޓަކައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ޠާރިޤް އިބްރާހިމްއަކީ ތިމާވެއްޓާއި ހަކަތައާބެހޭ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން، މި ސަރުކާރުގެ ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. ޠާރިޤް މިހާރު ހުންނެވީ ރާއްޖޭން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.

މީގެ ކުރިން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމު ފުރުއްވާފައިވަނީ ކުރިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ. އައިރީނާއަކީ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ މުހިންމު ޖަމިއްޔާއެކެވެ.

މިއަދު އޮންލައިން