ކުރީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކެއްގައި ކޮރަޕްޝަނާއި މަނީލޯންޑަރިންއަށް މަގުފަހިވާގޮތަށް ހުރި ކަންކަން ބަލައި ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކަން ދިރާސާކުރުމަށްފަހު ހުށަހެޅި ރިޕޯޓަށް ބިނާކޮށެވެ.
މާލިއްޔަތު ކޮމިޓީން މި ތަހުގީގުތައް ހިންގުމަށް އެދެން ނިންމާފައިވަނީ ފެނަކައިން އައްޑޫގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހުގައެވެ. އެ އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި، އެ ކޯޕަރޭޝަންގެ އައްޑޫ ބްރާންޗުން މަޝްރޫއުތައް ހިންގާފައިވަނީ ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށެވެ. މީގެ އިތުރުން ކަރަންޓާއި ފެން ބިލްތަކުން 77 މިލިޔަން ރުފިޔާ ފެނެކައަށް ނުލިބިވާކަންވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެނަކައިގެ އެކައުންޓުން މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޕެޓީ ކޭޝްއިން ފައިސާ ޚަރަދު ކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައިވެއެވެ. އެގޮތުން ކުންފުނީގެ މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން 783,296 ރުފިޔާގެ ތަކެތި ގަނެފައިވާކަން ފާހަގަކުރެވިފައިވެއެވެ. އަދި ލިޔެކިޔުންތައް ފޯޖުކޮށްގެން 130,220 ރުފިޔާގެ ޕެޓީ ކޭޝް ނަގާފައިވާކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ޕްރޮޖެކްޓުތަކަށް ޕެޓީ ކޭޝްއިން ހަރަދުކޮށްފައިވާ 4.3 މިލިއަން ރުފިޔާގެ ތެރެއިން ސައިޓުތަކަށް ޚިދުމަތާއި ތަކެތި ލިބިގެން ޚަރަދުކޮށްފައިވާ ފައިސާގެ އަދަދު ކަށަވަރުނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިކަމަކީ ކުންފުނީގެ މާލީ ނިޒާމުގެ ތެރެއިން ހިންގާފައިވާ ބޮޑު ހިޔާނާތެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގައި މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވަނީ ފެނަކައިގެ ފައިސާއަށް ހިޔާނަތްތެރިވި އޭރުގެ ކުންފުނީގެ ބޯޑު މެންބަރުންނާއި އެކަމުގައި ޝާމިލުވާ އެންމެންގެ މައްސަލަ ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) ހުށަހެޅުމަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގުވެސް ވަނީ ތާއީދުކުރައްވާފައެވެ.
ކޮމިޓީގެ ނިންމުމުގައިވަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންގޮސް، އެ ނިންމުންތައް ނިންމާފައިވާތީ އޭރުގެ ބޯޑު މެންބަރުންނާއި އިސްވެރިން ޒިންމާދާރުކުރުވުމަށް ފިޔަވަޅު އެޅުމަށެވެ. މަޖިލީހުން މި ރިޕޯޓު ފާސްކުރުމާއެކު، މި މައްސަލަ ތަހުގީގީ އިދާރާތަކަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.