ފާރމަސިސްޓުންގެ ފެންވަރު މަތިކުރުމަށާއި، އެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ޚާއްޞަ ރިފްރެޝަރ ކޯސްތަކެއް ހިންގުމަށް ނިންމާފައިވާކަމަށް ސްޓޭޓް ފާމަސޫޓިކަލްސްއިން ހާމަކޮށްފިއެވެ. މި ނިންމުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ ފާމަސިސްޓުން ތަމްރީނުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ.
ސްޓޭޓް ފާމަސޫޓިކަލްސްއިން ވިދާޅުވި ގޮތުގައި، މި ކޯސްތައް ކުރިއަށް ގެންދިއުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާއެކު މިހާރު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ތަމްރީނާއި، ތަޢުލީމު އަދި މަސައްކަތުގެ ދާއިރާ ތަރައްޤީކުރުމުގައި ދެ ފަރާތް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
މީގެ އިތުރުން، ފާމަސީ ދާއިރާއިން ކިޔަވާ ދަރިވަރުންނާއި އަލަށް ދަސްވެނިވާ ކުދިންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، އެކުދިންގެ ކުރިމަގު ބައްޓަންކުރުމަށް ހުރި ދަތިތައް ނައްތާލުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. ސްޓޭޓް ފާމަސޫޓިކަލްސްއިން ވިދާޅުވީ "މި ބައްދަލުވުމަކީ ފާމަސިސްޓުން ތަމްރީނުކުރުމަށާއި އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް" ކަމަށެވެ.
ސްޓޭޓް ފާމަސޫޓިކަލްސްއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރަމުންނެވެ. އެގޮތުން، ނިމިދިޔަ މަހުގެ ތެރޭގައި އެކަނިވެސް 30 އަށް ވުރެ ގިނަ ފާމަސިސްޓުން ހޯދުމަށް އެ ކުންފުނިން ވަނީ އިޢުލާނުކޮށްފައެވެ.
މިފަދަ ރިފްރެޝަރ ކޯސްތަކުގެ ސަބަބުން މިހާރު ޚިދުމަތުގައި ތިއްބެވި ފާމަސިސްޓުންގެ މަޢުލޫމާތު އައުވެ، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ފާމަސީތަކުން ދޭ ޚިދުމަތްތައް އެއް ފެންވަރެއްގައި ހިފެހެއްޓުމަށް އެޅޭ ބާރަކަށް ވެގެންދާނެއެވެ.