ފެނަކައިން އަމިއްލައަށް ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ފެނަކައިން އަމިއްލައަށް ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދީފި

ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކޮށް، ކުންފުނި ރައިޓްސައިޒް ކުރުމުގެ މަސައްކަތުގެ ދަށުން އަމިއްލައަށް ވަޒީފާއިން ވަކިވާން އެދުނު މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ އިނާޔަތުގެ ގޮތުގައި ދީފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި ފުރުޞަތަކީ މުވައްޒަފުންނަށް ޝަރަފުވެރިކަމާއެކު، އެކަށީގެންވާ އިނާޔަތްތަކަކާއެކު ވަޒީފާއިން ވަކިވުމުގެ ފުރުޞަތު ދިނުމުގެ މަޤްޞަދުގައި ހުޅުވާލި ފުރުޞަތެކެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ފެނަކައިން ހުޅުވާލި މި ފުރުޞަތުގައި ޖުމްލަ 108 މުވައްޒަފަކު ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާފައެވެ. މި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުންޏާއި މުވައްޒަފާ ދެމެދު ވެވުނު ޚާއްޞަ އެއްބަސްވުމެއްގެ ދަށުން ކަމަށް ފެނަކައިން މަޢުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން ކުންފުނިން މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ފެނަކައިން ވަނީ މުޅިން ދޮގުކޮށްފައެވެ. އެ ކުންފުނިން ބުނި ގޮތުގައި ހުރިހާ ކަމެއްވެސް ކުރިއަށް ގޮސްފައިވަނީ ދެފުށް ފެންނަ އުޞޫލެއްގެ ތެރެއިން، މުވައްޒަފުންނަށް ދޭންޖެހޭ އިނާޔަތްތައް ފުރިހަމައަށް ދިނުމަށްފަހުގައެވެ.

ފެނަކައިން އިތުރަށް ބުނީ، މިއީ ކުންފުނީގެ މާލީ ޙާލަތު ރަނގަޅުކޮށް، އިސްރާފު ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި އެކުލަވާލާފައިވާ ހަރުދަނާ އުޞޫލެއްގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ. މި ފިޔަވަޅުގެ ސަބަބުން ކުންފުނީގެ ހިންގުމުގެ ޚަރަދުތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން