ޢިބްރަތްތެރި ވާހަކަ: ދުވަހަކުވެސް ބޭޒާރުނުވާނެކަމަށް ބަލައިގެން ނިކަމެތި އަންހެންކުދިންގެ ޢިއްފަތް ޝިކާރަކުރާ މީހުންނަށް އަގުހުރި ފިލާވަޅަކަށްވާނެ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 15ސ
ޢިބްރަތްތެރި ވާހަކަ: ދުވަހަކުވެސް ބޭޒާރުނުވާނެކަމަށް ބަލައިގެން ނިކަމެތި އަންހެންކުދިންގެ ޢިއްފަތް ޝިކާރަކުރާ މީހުންނަށް އަގުހުރި ފިލާވަޅަކަށްވާނެ ޙާދިސާއެއްގެ ވާހަކަ-

ތަނަވަސްކަމާއި ބާރުހުރިނަމަ ނިކަމެތިން އިތުރަށް ނިކަމެތިކުރުވިދާނެއެވެ. އެއީ އެކަކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ދެއްވަވާފައިވާތީއެވެ. އިޚްތިޔާރު ދެއްވަވާފައިވަނީ ފާފަކުރުމުން ޢަޛާބުން ލުއިވާނެރ ގޮތަކަށް ނޫނެވެ. ޢަޛާބް ލިބެން ޙައްޤު ކޮންމެ މީހަކަށްވެސް ޢަޛާބްދެއްވަވާނެތެވެ. 

ޒިނޭކުރުމުން ލިބޭ ދަރިން، ފިރިހެން މީހާ އާއި ވައްތަރުވުން ބޮޑުކަން އެއީ ފާހަގަކުރެވޭ ކަމެކެވެ. ސަބަބު މޮޅަށް ދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ. ބައެއް ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި ސަބަބަކީ ދަރިފުޅުގެ ބައްޕައަކީ ކާކުކަން މީސްތަކުންނަށް އެންގެވުން ކަމަށްވެދާނެއެވެ. މާނައަކީ އެކަމަށް މެދުވެރިކުރައްވަވާ ސަބަބަކަށްވެދާނެއެވެ. ކޮންމެއަކަސް މިއީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ.  

ތިރީގައިވާ ވާހަކައިންވެސް އެނގިގެންދަނީ އެކަން އެގޮތަށް މެދުވެރިވާ ކަމެވެ. އަދި ގަދަކަމުން ނިކަމެތި އަންހެން ކުދިންނަށް މަޖުބޫރުކުރުވައިގެން ޢިއްފަތްތެރިކަން ފޭރިގެންފައި އުފަލުގައި ނުއުޅެވޭނެކަމެވެ. އެކަމަށް ދުނިޔޭގައިވެސް ހިތާމަކުރަންޖެހޭކަމެވެ.

އަހަރެންގެ މައިންބަފައިންނަކީ ވަރަށް ފަޤީރު ބައެކެވެ. އެހެންވެ އުމުރުން 14 އަހަރުގައި އަހަރެމެންގެ ރަށަށް ދިއަ ތަނަވަސް ދެމަފިރިއަކާއި އަހަރެން ހަވާލުކުރިއެވެ. އަހަރެންނަށް ކުރެވޭ ވަރުގެ ކަންކަން ކޮށްދިނުމުން އެމީހުން އަހަރެންނަށް ކިޔަވައިދީ އަހަރެންނަށް ހެޔޮކޮށް ހިތުން ޝަރުޠުކޮށެވެ.  

އެގޭގައި އުޅެނީ އެދެމަފިރިންނާއި އެމީހުންގެ ދެ ދަރިންނެވެ. އެގޭ ދައްތައަކީ ވަރަށް ރަނގަޅު އަންހެނެކެވެ. އަހަރެން ގެންގުޅުނީ ކުޑަކުއްޖެއްކަން ދަނެގެންނެވެ. ބޭބެ އެހައިގިނައިން ވާހަކައެއް ނުދައްކައެވެ. ނަމަވެސް ހިނިތުންވެލައި ހަދައެވެ.  

ދުވަސްތައް ފާއިތުވަމުން ގޮސް އުމުރުން 16 އަހަރުފުރުނުތަނާ ބޭބެ އަހަރެންނަށް ކަޅިއަޅަން ފަށައިފިއެވެ. ސަމާސަކުރަން ފަށައިފިއެވެ. ގައިގައި އަތްލަން ފަށައިފިއެވެ. ލޯބިން ކމަށް ހަދާފައި ގާތްކޮށްލާއިރު މޭމަތީގައި އަތްޖައްސަން ފަށައިފިއެވެ.  

އެވާހަކަތައް ދައްތަ ގާތު ބުނަން ކިތަންމެ ވަރަކަށްވެސް ބޭނުންވިއެވެ. ނަމަވެސް ބުނެފިނަމަ ދެން ކަންތައްވެދާނެ ގޮތަކާއިމެދު އޮތް ބިރު ބޮޑުކަމުން ކެތްކުރަން މަސައްކަތްކުރީމެވެ. އެކަންވީ ކުރެވުނު އެންމެ ބޮޑު މޮޔަކަންތައްކަން ވިސްނުނީ ވަގުތު ފާއިތުވީފަހުންނެވެ.  

އެއިރު ބޭބެ ޝިކާރައަކަށް އަހަރެން ވެއްޖެއެވެ. ކުދިންނާއިއެކު ދައްތަ ޗުއްޓީއަކަށް ލަންކާއަށް ފޮނުވާލާފައި އަހަރެންނަށް މަޖުބޫރުކުރުވައިގެން ޝިކާރަކޮށްލީއެވެ. ދައްތަ އައުމާއި ދެމެދު 3 ފަހަރުމަތިން އެއަނިޔާ ދިނެވެ. އަނިޔާ ލިބުނުވަރުން ތެދަށް ހިނގައި ނުގަނެވިގެންވެސް އުޅެން ޖެހުނެވެ.  

އެކަން ހިނގިތާ މަހެއްހައި ދުވަސްފަހުން އަހަރެން އިނީ ބަލިވެކަން އިޙްޞާޞްކުރެވެން ފަށައިފިއެވެ. ބޭބެގާތު އެވާހަކަ ދެއްކުމުން ބޭނުންވީ ޑޮކްޓަރަކަށް ދައްކައިގެން އަވަހަށް ދަރިފުޅު ވައްޓައިލުމަށެވެ. ނަމަވެސް އެކަމަށް އަހަރެން ދެކޮޅު ހެދީމެވެ. އެއީ ކުރެވުނު ފާފައިގެ މައްޗަށް އެއަށްވުރެ ބޮޑު ފާފައެއް ކުރަން ބޭނުންނުވާތީއެވެ. ދަރިއަކު މަރާލުމަކީ ކިހާބޮޑު ފާފައެއްކަން އެނގޭތީއެވެ.  

އެގޭގައި ހުއްޓާ އަހަރެން ބަލިވެއިންކަން ދައްތައަށް އެނގިދާނެތީ ގަތްބިރުން އެނބުރި ރަށަށް ދިއައީއެވެ. ޗުއްޓީއަކަށް ކަމަށްބުނެފައި ދިއަގޮތަކަށް އެނބުރި ނުދަމެވެ. ރަށުގައި ހުރީއެވެ. މަންމަމެންނަށް ޙަޤީޤަތް ކިޔައިދިނުމުން އެމީހުން ވަރަށް ދެރަވިއެވެ.  

ބަނޑުބޮޑުވާން ފެށުމުން ރަށުގެ މީހުން ވަރަށް މަލާމާތްކުރިއެވެ. އެހެންވެ ގެއިން ބޭރަށްވެސް ނުނުކުންނަމެވެ. ގޭގައި އިނީއެވެ. ރެއާއި ދުލާލު ދުޢާކުރީ ފާފަފުއްސެވުން އެދިގެންނާއި ޙަޔާތުން ބާކީ އޮތްތަނުގައި އުފާވެރި ދިރިއުޅުމެއް ދެއްވެވުން އެދިގެންނެވެ.  

ވިހައި ގަދަވީތަނުން ރަށުގެ ރަނގަޅު މީހަކު އަހަރެންނާއި ކައިވެނިކޮށްފިއެވެ. އޭނާ އަހަރެން ދެކެ ލޯބިވާތީ ދަރިފުޅުދެކެވެސް ލޯބިވެއެވެ. އެހެންވެ ދިރިއުޅެމުން އައީ އުފާވެރިކަމާއިއެކުގައެވެ. ވަރަށް ހިތްހަމަޖެހިގެންނެވެ.

ދަރިފުޅަށް 5 އަހަރުގައި އައި ބޮޑުބަންދެވެ. އެއްދުވަހު ގޭގައި އުޅެނިކޮށް ބައަކު އައިސް ދޮރުމައްޗަށް އަރައި ސަލާން ގޮވާލުމުން ބަލައިލިއިރު މާލޭގައި އަހަރެން ގެންގުޅުނު ދައްތަ އާއި ބޭބެއެވެ. އެމީހުންނަށް ދަރިފުޅު ނުދައްކަން ހަދާނެ ގޮތަކަށް ވިސްނަމުން ދަނިކޮށް ކުއްލިއަކަށް ދަރިފުޅު އައިސް ފައިގައި އޮޅުލައިގެންފިއެވެ. އެވަގުތު ދައްތަގެ ހުރިހާ ސަމާލުކަމެއް ދަރިފުޅަށް ހުއްޓުނެވެ. ކައިރިއަށް ޖެހިލާފައި ދަރިފުޅާއި ވާހަކަދައްކަން ފެށިއެވެ. ސައިދިނުމުން ސައިބޮއިގެން ދެމަފިރިން ނުކުމެގެންދިއައީއެވެ.  

އެރޭ ޢިޝާނަމާދުން ފޭބިތަނާ ދައްތަ އެކަނި އަތުވެއްޖެއެވެ. އައިސް އަޅުގަނޑު ދުރަށް ގެންގޮސް އެކަނި ބަހައްޓައިގެން ސުވާލުތައް ކުރަން ފަށައިފިއެވެ. ދަރިފުޅުގެ ބައްޕަ އާއިމެދުގައެވެ. ދަރިފުޅުގެ ބައްޕައަކީ ހަމަ ފިރިމީހާތޯއެވެ؟  

ދައްތަގެ ހެޔޮކަން ބޮޑުކަމުން ދައްތަގެ ކުރިމަތީގައި ދޮގުހަދާނެ ހިތްވަރެއް ނުލިބުނެވެ. ހުރިހާ ވާހަކަތަކެއް ތެދަށް ކިޔައިދިނީމެވެ. ދައްތަ ދޫކޮށްލާފައި ރަށަށް އައީ އަންނަން ބޭނުންވެގެން ނޫންކަމާއި މަޖުބޫރުވެގެންކަން ބުނެދިނީމެވެ. އެއިރު ގިސްލާ ރޮވެއެވެ. ދައްތައަށްވެސް ރޮވެއެވެ. އިރުކޮޅަކު ހުރެލާފައި ދެރަނުވުމަށާއި ޙައްޤަށް ނަޞްރު ލިބޭނެ ކަމަށް ބުނެފައި އެނބުރި ދިއައީއެވެ.  

އަނެއްރޭވެސް ހަމަ އެވަގުތު ދައްތައައެވެ. ބޭބެވެސް ގޮވައިގެންނެވެ. އައިސް ގޭތެރޭގައި ހުރި ސޯފާގައި ދެމަފިރިން އިށީނދެފައި ދަރިފުޅަށް ގެނެސްދޭން ބުނުމުން ގެންދިއައިމެވެ. ދައްތަ، ބޭބެއާއިކުރި ފުރަތަމަ ސުވާލަކީވެސް މިއީ ކާކުގެ ދަރިއެއްތޯއެވެ؟ ބޭބެގެ ޖަވާބަކަށްވީ ތިއަ ކިޔަން އުޅެނީ ކީކޭ ހެއްޔެވެ؟  

އެއިރު ދައްތަ އިނީ ވަރަށް ރުޅިގަދަވެފައެވެ. ބުންޏެވެ. "ނުލާހިކު ނިކަމެތި ޙާލުގައި ހުއްޓާ ކައިވެނިކޮށް މީހަކަށް ހަދައިދިނީމާ ތަނެއްގައި ފަޤީރު ނިކަމެތި ކުއްޖެއްގެ ޢިއްފަތް ނަގާލުން ނޫން ކަމެއް ކުރަން ނުއެނގުނު މީހަކަށް މީހުން ދައްކާ ވާހަކަ ފަހުމެއްވެސް ނުވާނެއެވެ. ގައިމު ލޯސަލާމަތުން ހުރިނަމަ އަހަރެމެންގެ ދޮށީ ދަރިފުޅުގެ މިއުމުރުގައި އޭނާ ހުރި ގޮތާއި މިކުއްޖާގެ ސިފަ ފެނުމުން މިދައްކާ ވާހަކަ އެނގޭނެއެވެ. އެވަރުންވެސް ތިއަހަދަނީ ކިޔާ އެއްޗެއް ނުއެނގޭ ކަމަށެވެ. އެނގޭނެވެސް ކަމެއް ނެތެވެ."  

އެހެން ބުނެފައި އަހަރެންނާއި ދިމާއަށް ބުންޏެވެ. "ރަށުގައި ހުއްޓާ ގެންދިއައީ އަހަރެންނެވެ. ޖަމީލާގެ މައިންބަފައިން އިތުބާރުކުރީވެސް އަހަރެންނަށެވެ. ވީވައުދެއް މައިންބަފައިންނަށްވީވެސް އަހަރެންނެވެ. ކައިވެނިކޮށްގެން މިއުޅެވެނީ މިނިކާ މީހަކާކަން ކުޑަކޮށްވެސް އެނގިފައި ނެތުމުން ޖަމީލާ ބަހައްޓާފައި ލަންކާއަށް ދެވުނީއެވެ. އިރާދަކުރެއްވިއްޔާ ޖަމީލާއަށް އެކަމުގެ ބަދަލުދޭނަމެވެ." އެހެންބުނެފައި ނުކުމެ ހިނގައިގަތުމުން ބޭބެވެސް ފަހަތުން ނުކުމެއްޖެއެވެ.  

އެރޭ ވަރަށް ވިސްނުނެވެ. އެބޮޑުބަދުނާމާއިގެން ރަށަށް އައީވެސް އަހަރެންނާއިހެދި ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހިދާނެތީއެވެ. އެވަރުންވެސް މިއޮތީ މައްސަލަޖެހިފައެވެ. ކޮންމެ ގޮތެއްވީނަމަވެސް ދައްތަގެ ކުރިމަތީގައި ހުރެގެން ދޮގެއް ނުހެދޭނެއެވެ. ކިޔައިދިނީ މަޖުބޫރުވީމައެވެ.  

ދައްތަ ކޮންމެ ދުވަހަކުހެން ގެއަށް އައިސް އުޅުނެވެ. އަމިއްލަ ގޭގައި އުޅޭނެ ގޮތަށް އުޅުނެވެ. އެއްވެސް ދެކޮޅުވެރިކަމެއް ނުބާއްވައެވެ. ފުރަމުން ފައިސާކޮޅެއްވެސް ދިނެވެ. ފަހުން ބޮޑު ހަދިޔާއެއް ދޭނެ ކަމަށްވެސް ބުންޏެވެ.  

އެދައްތައަކީ މައިންބަފައިންގެ ކިބައިން ގެދޮރު ލިބިފައި ހުރުމުން ތަނަވަސް އަންހެނެކެވެ. ފިރިމީހާ އެއިރު ހުރީ ދައްތަގެ ނުފޫޒުން ލިބިފައިވާ ސިޔާސީ މަޤާމެއްގައެވެ. މާލެ އާދެވުމާއިއެކު ފިރިމީހާގެ ގާތުން ވަރިވިއެވެ. ވަރިވިތަނުން އޭނާގެ ވަޒީފާވެސް ގެއްލި ނިކަމެތިވެއްޖެއެވެ.  

ދުވަސްކޮޅެއްފަހުން އަހަރެމެން ދެމަފިރިން މާލެ ގެނެސް ދައްތަގެ ގެއިން އަހަރެމެންނަށް ފްލެޓެއްދިނެވެ. ފިރިމީހާއަށް ވަޒީފާއެއް ހޯދައިދިނެވެ. އެއިގެ އިތުރުންވެސް އެހީތެރިކަން ފޯރުކޮށްދިނެވެ.  

މިކިޔައިދިނީ މީގެ 10 ވަރަކަށް އަހަރުކުރީގެ ވާހަކައެކެވެ. މިއަދުނޫސް މެދުވެރިކޮށް އެބޭބެ ފަދަ ފިރިހެނުންނަށް ބުނެލަން ބޭނުންވަނީ ނިކަމެތި، މައްޞޫމް އަންހެންކުދިންނަށް މަޖުބޫރުކުރުވައިގެން ޢިއްފަތެރިކަން ނަގައިލާއިރު އެކަންކުރަނީ ކިތަންމެ ބަންދުތަނެއްގައި ނަމަވެސް ﷲ ބައްލަވައިވޮޑިގެންވާކަމާއި ކުރާ ފާފަ އައިސް އަރައިހަމަކުރާނެކަމާއިމެދު ވިސްނާލުން ރަނގަޅުވާނެއެވެ. އަހަރެންނަށް އެއަނިޔާލިބުނީ އަހަރެންގެ އެއްވެސް ކުށޭއްނެތިކަމަށްވުމުން ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ހުރިހާ ގޮތަކުންވެސް ހެޔޮ ރަޙްމަތް ލެއްވެވީއެވެ. ހެޔޮލަފާ ފިރިއަކުވެސް ލިބުނީއެވެ. ދައްތަގެ ހެޔޮކަންވެސް ލިބުނީއެވެ.  

އަރެންނަށް ޖެއްސުވި ފަދަ ނިކަމެތި ޙާލުޖެއްސުވުމުން މުޅިޙަޔާތް ބަރުބާދުވެގެންދަނީ ކިތައް ކުދިންގެ ހެއްޔެވެ؟ ނުވިތަނަކަށް އަމިއްލައަށް މަރުވަނީ ކިތައ ހެއްޔެވެ؟ އެހެންނަމަވެސް ޖަނަވާރުތަކުގެ ވިސްނުން ގެންގުޅޭ މީހުންނަށް އެއްވެސް އަސަރެއް ނުކުރަނީއެވެ.

 

- ޖަމީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން