ދީނަށް ޢަމަލުކޮށް ތަޤްވާވެރިވުމަށް މަސައްކަތްކުރަމުން އަންނަ މީހާ ކޮންމެ ދުވަހަކުވެސް ޤަވާއިދުކޮށް ކުރާ ކަންތައްތަކެއް ހުންނާނެއެވެ. މިބުނަނީ ފަރުޟް ނަމާދުތަކުގެ އިތުރަށް ކުރާ ކަންކަމުގެ ވާހަކައެވެ. ސުންނަތް ނަމާދުތަކާއި ޤުރްއާން ކިޔެވުމާއި ޛިކުރުކުރުން ފަދަ ކަންކަމުގެ ވާހަކައެވެ.
ގަދަވެ ސަލާމަތުން ހުރިނަމަވެސް ކޮންމެ ދުވަހަކު މީހާގެ ޠަބީޢަތް ހުންނާނީ އެއްގޮތަކަށް ނޫނެވެ. އަދި ބުރަކޮށް މަސައްކަތްކުރަންޖެހޭ ދުވަސްތައްވެސް އަންނާނެއެވެ. ވީމާ މިކަންކަމުގެ ސަބަބުން ކުރަން ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ނުކުރެވޭ ދުވަސްތައްވެސް އަންނާނެއެވެ. ހަމައެކަނި ކުރަންޖެހޭ އަޅުކަމެއް ނޫނެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަންވެސްމެއެވެ.
ވީމާ މާޔޫސްނުވާށެވެ! މިއަދު މަދުން ކުރެވުނުނަމަ މާދަމާ ގިނަކުރަން މަސައްކަތްކުރާށެވެ. ދުވާލު އުނިވިނަމަ ރޭގަނޑު އިތުރުކުރަން މަސައްކަތްކުރާށެވެ. ނަމަވެސް ސަމާލުކަން އިތުރުކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ރަވާތިބް ސުންނަތްތަކާއި ޟުޙާ ނަމާދާއި ވިތުރިއާއި ރޭއަޅުކަމުގެ އިތުރަށް ދެއިރުކިޔަންޖެހޭ ޛިކުރުތަކެވެ. ކިރިޔާވެސް ކުރެވޭނެނަމަ މިކަންކަން ދޫނުކުރަން މަސައްކަތްކުރާށެވެ!
ﷲ ތަޢާލާ ބޭނުްނފުޅުވެވޮޑިގެންނެވިނަމަ ކޮންމެ އަޅުކަމަކީ ފަރުޟެއް ކަމުގައި ލެއްވެވީހެވެ. ނަމަވެސް ވަނީ ފަރުޟުތައް މަދުކުރައްވަވައި ސުންނަތްތައް ގިނަ ކުރައްވަވައިފައެވެ. އެއީ ކޮންމެ މީހަކަށްވެސް މިބަޔާންކުރި ފަދައިން މައްސަލަތައް ކުރިމަތިވާނެކަން ދެންވޮޑިގަންނަވާތީއެވެ. އަހުރެމެންނަށް އޮތީ ދެއްވަވާފައިވާ ލުއިފަސޭހަކަމުގައި ހިފުމާއި އިޚްލާޞްތެރިވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން