ކަނބަލުންނަށް ޚާއްޞަ-: ކައިވެނިކޮށްގެން ހުރި މީހަކުދެކެ ލޯބިވެވި މިކަންކަމަށް ސަމާލުކަން ނުދީފިނަމަ ޖެހޭނީ ކަރުނައަޅަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކަނބަލުންނަށް ޚާއްޞަ-: ކައިވެނިކޮށްގެން ހުރި މީހަކުދެކެ ލޯބިވެވި މިކަންކަމަށް ސަމާލުކަން ނުދީފިނަމަ ޖެހޭނީ ކަރުނައަޅަން!

ކައިވެނިކޮށްގެން ތިބޭ ފިރިހެނުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނަސް އެކަމުން ފައިދާކުރާނީ ަމދު އަންހެނަކަށް ކަމަށް ބުނީމާ ގިނަ ބައަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. ބުނާނީ މިވެނި އެވެނި އަންހެނަކަށް ފައިދާކުރިކަމަށެވެ. އެގޮތުން ދެއްކޭނީ 1، 2 އަންހެނެކެވެ. ގެއްލުންވެ ކަރުނައަޅަންޖެހުނު އަންހެނުންގެ ޢަދަދުގެ ވާހަކަ ނުވެސް ދައްކާނެއެވެ.  

މިޘާލެއްގެ ގޮތުން ވާހަކައެއް ކިޔައިދޭނަމެވެ. މީހެއްގެ ފިރިއަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނެކެވެ. 5 އަހަރުވަންދެން ދެމަފިރިން ފަދައިން އެކުގައި އުޅުނުއިރުވެސް ކައިވެނިކުރަން ނުއުޅޭތީ ކަންބޮޑުވެގެން ދެއްކި ވާހަކައިގެ ތެރެއިން ބޮޑަށް ލޯބިވަނީ ކާކުދެކެތޯ ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ. "ތިބާދެކެވެސް ލޯބިވަމެވެ. އެކަމަކު އަނބިމީހާއާ އެއްދަރަޖައަކު ނޫނެވެ. އެއީ އަހުރެންގެ ދިރިއުޅުމުގެ ބައިވެރިޔާއެވެ. 3 ދަރިންގެ މަންމައެވެ."  

"އެހެންވީމާ އަހުރެންދެކެ ލޯބިނުވަނީތޯ؟" ސުވާލުކުރުމުން ބުންޏެވެ. "ތިއަބުނާ ލޯބިވެވޭނަމަ 5 އަހަރުވަންދެން މިކަން ސިއްރުކޮށްގެން ނުހުންނާނެ ނޫންހެއްޔެވެ؟"

ޖަވާބުގައި ބުނާނެ އެއްޗެއް އަންހެން މީހާއަކަށް ނުވިސްނުނެވެ. ކަރުނައަޅަމުން ގިސްލައި ރުއިން ނޫންކަމެއްވެސް ނުކުރެވުނެވެ. އެހެން ބުނެފައި ލޯބިވެރިޔާ ނުކުމެގެންދިއައީއެވެ. ރޮމުންގޮސް ކަރުނަތައް ހުސްވީމާ އޭނާއަށް ބުނެވުނެވެ. "އެބުނީ ހަމަ ތެދަށެވެ. ނުވިސްނުނީ އަހުރެންނަށެވެ. ވީމާ ކުށްވެރިއަކީ އަހުރެންނެވެ."  

އެފިރިހެންމީހާ ތަންކޮޅެއް ރަނގަޅެވެ. އެއީ ކަންތައް އޮތްގޮތް ތެދަށް ބުނިކަމެވެ. ގިނަ މީހުން ތެދަށް ނުވެސް ބުނާނެއެވެ. ބަލާނީ ދޮގުތައް ހަދައިގެން އަދިވެސް އިތުރަށް ދަންމައިލެވޭތޯއެވެ. އިތުރަށް ބޭނުންކޮށްލެވޭތޯއެވެ.  

މިކަމަށް ވިސްނަންވީ އަންހެނުންނެވެ. މީހެއްގެ ފިރިއަކުދެކެ ލޯބިވެވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޝަރުޠަކާއިއެކުގައެވެ. އެއީ ކައިވެނިކުރުމެވެ. ސަމާލުވާންވީ ކައިވެނީގެ ކުރިން ގައިގައި ބީހުނަ ނުދިނުމަށެވެ. ދެރައެއް ނުލިބި ސަލާމަތްވެވޭނީ އެއިރުންނެވެ. ނޫންނަމަ ޖެހޭނީ މިބުނި އަންހެން މީހާއަށްވެސް ޖެހުނު ޙާލެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން