މިއަދުގެ ޙާލަތަށް ބަލައިފިނަމަ ސޯޝަލް މީޑިއާ އާއިނުލައި އުޅެވޭކަށްވެސް ނެތެވެ. ލިބޭ ފަސޭހަތައް ގިނަވުމުންނެވެ. ކުރާފައިދާވެސް ބޮޑުކަމުންނެވެ. މައްސަލައަކަށްވަނީ ސޯޝަލް މީޑިއާ ބޭނުންކުރުމެއް ނޫނެވެ. މާގިނަ ވަޤުތު އެކަމަށް ހޭދަކުރުމެވެ.
ދިރާސާއަކުން އެނގުނު ގޮތުގައި ސޯޝަލް މީޑިއާގައި މާގިނަ ވަޤުތު ހޭދަކުރާނަމަ ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ކަންކަމަށް އަމިއްލައަށް ވިސްނުމުގެ ބާރުކުޑަވެގެންދެއެވެ. ވިސްނުމުގެ ބާރުވެސް އުނިވެގެންދެއެވެ. ޑިޕްރެޝަނާއި އެންޒައިޓީގެ މައްސަލަތައްވެސް ކުރިމަތިވެއެވެ. އެމައްސަލަތައް ހުންނަ މީހުންނަށް މައްސަލަ އިތުރަށް ބޮޑުވެގެންވެދެއެވެ.
މިމައްސަލަތައް އެންމެ ބޮޑުވަނީ ފޯނުން ބޭނުންކުރާ މީހުންނަށެވެ. ވީމާ ދިރާސާ ރިޕޯޓުގައި ޙައްލެއްގެ ގޮތުން ބުނެފައިވަނީ ސޯޝަލް މީޑިއާ އަބަދު ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކުރާނެ ގަޑިތަކެއް ކަނޑައެޅުމަށެވެ. އެވަޤުތު ހަމަވުމުން ހިތާ ދެކޮޅަށް ނަމަވެސް "އައުޓު" ވުމަށެވެ.
ޑާޓާ ޕެކޭޖްތައް އިޚްތިޔާރުކުރާއިރު "އަންލިމިޓެޑް" ކޮށް ޕެކޭޖް ނެގުމުގެ ބަދަލުގައި ދުވާލަކު ވަކިވަރަކަށް ޑާޓާ ހޯދަންވެސް ބުނެފައިވެއެވެ. އަދި އަންލިމިޓެޑްކޮށް ޕެކޭޖް ނެގިނަމަވެސް ވަޤުތު ހަމަވުމުން ޑާޓާ އޮފްކޮށް އެލާޓްތައް ނުލިބޭނެ ގޮތް ހެދުމަށްވެސް ބުނެފައިވެއެވެ. އެއީ އެލާޓް ލިބޭނަމަ މެސެޖް ބަލައިލުމުގެ ޝައުޤުވެރިކަން އުފެދޭނެތީއެވެ. އަދި ޕެކޭޖް އެޅިނަމަވެސް ގިނަ ވަޤުތު ހޭދަނުކުރާ މީހުންނަށް މިފަދަ ނުރައްކަލެއް ނެތްކަމށްވެސް ބުނެފައިވެއެވެ.
މިރިޕޯޓުންވެސް މައިގަނޑު ގޮތެއްގައި އެނގިގެންމިދަނީ އެއްކަމެކެވެ. އެއީ ކޮންމެ ކަމަކަށްވެސް ވަޤުތު ހޭދަކުރަންވާނީ ވަކިވަރަކަށް ކަމެވެ. އަދި ކޮންމެ ކަމެއްވެސް ކުރަން އޮތީވެސް ވަކިވަރަކަށް ކަމެވެ. އިންތަކެއްގައި ހިފަހައްޓައިގެން ކަމެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު