ރާއްޖެއަށް ބޭނުންވާ ބޭހާއި ބޭނުންވާ ބޭހުގެ އަދަދު ދެނެގަނެ، ކުރިއާލާ ބޭހަށް އޯޑަރު ދީފިނަމަ އެ ބޭހުގެ މުއްދަތު ހަމަވާ ތާރީޚު ދިގު މުއްދަތަކަށް ލިބިގެންދާނެ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާން" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، އެއް އަހަރަށް ނުވަތަ ދެ އަހަރަށް މުއްދަތު ހަމަވާ ބޭސް ދުރާލާ ގެނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މުއްދަތު ހަމަވެގެން އުކާލާ ބޭސް ހުރީ 10 އިންސައްތައާއި 20 އިންސައްތައާ ދެމެދުގައެވެ.
ޑރ. ޝާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިއްޙީ ޚިދުމަތް ދޭ ފަރާތްތަކާއެކު ގާތުން މަސައްކަތްކޮށް، ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ، ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސޭނެއެވެ. "ސިއްޙީ ޚިދުމަތް ދޭ ފަރާތްތަކާއެކު ގާތުން މަސައްކަތްކޮށްފިނަމަ ރާއްޖެއަށް ބޭނުންވާ ބޭސްތައް ރާއްޖޭގައި ބެހެއްޓޭނެ ގޮތް ހެދޭނެ. ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް ދުރާލާ ގެނެވޭނަމަ އެ ހުސްނުވެ ހުންނާނެ،" އޭނާ ވިދާޅުވިއެވެ.
ބޭސް އެތެރެކުރުމަށް ސަރުކާރުގެ ވަކި ކުންފުންޏެއް އުފެއްދުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، މީގެ ސަބަބުން ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް ފުރުޞަތު ލިބި، އެހެން ފަރާތްތަކަށް ބަރޯސާނުވެ ބޭސް ލިބުމުގެ މަގު ފަހިވާނެ ކަމަށެވެ. މީގެ އިތުރުން މިއީ އާސަންދައިން ކުރާ ހޭދައަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާގެ ޖުމުލަ ބަޖެޓުގެ 30 އިންސައްތައަކީ ބޭހަށް ކުރާ ޚަރަދުކަން ފާހަގަކުރައްވައި، ޑރ. ޝާހު ވިދާޅުވީ މިއީ ރާއްޖެ ފަދަ ކުޑަ ޤައުމަކުން ބޭހަށް ކުރާ ވަރަށް ބޮޑު ޚަރަދެއް ކަމަށެވެ. އެހެންކަމުން، ބޭސް މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ދައުލަތުގެ ބަޖެޓަށްވެސް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.