ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، އެ އޮތޯރިޓީގެ މަސައްކަތްތައް ފުޅާކުރުމުގެ މަޤްޞަދުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް 11 އިސްލާހެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
މި އިސްލާހުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރުމެވެ. މިހާރު ޤާނޫނު އޮތްގޮތުން ބޯޑުގައި ތިއްބަވަނީ 5 މެންބަރުންނެވެ. ނަމަވެސް، އަލަށް ހުށަހެޅި އިސްލާހުގައި ވަނީ ޗީފް އެގްޒެކެޓިވްއާއެކު ބޯޑު މެންބަރުންގެ އަދަދު 7 އަށް އިތުރުކުރުމަށެވެ.
މީގެ އިތުރުން، ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ޗީފް އެގްޒެކެޓިވް ފިޔަވައި އެހެން ހުރިހާ މެންބަރުންނަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ބޯޑު މެންބަރުންގެ ދައުރާ ގުޅޭގޮތުން ވެސް މުހިންމު ބަދަލެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން، ބޯޑު މެންބަރުންނަށް އެއް ދައުރަށްވުރެ ގިނަ ދައުރަށް އައްޔަންކުރެވޭ ގޮތަށް ޤާނޫނަށް ބަދަލު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. މިއީ އޮތޯރިޓީގެ މަސައްކަތްތަކުގެ މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ގެނެވޭ ބަދަލެއް ކަމަށް ބެލެވެއެވެ.
ނަމަވެސް، ބޯޑުގެ ނިންމުންތައް ނިންމުމުގައި ޗީފް އެގްޒެކެޓިވްގެ ދައުރަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި "ބޯޑުގެ ނިންމުންތައް ނިންމުމުގައި ޗީފް އެގްޒެކެޓިވްއަށް ވޯޓު ދިނުމުގެ ޙައްޤު ލިބިގެން ނުވާނެ" އެވެ. މިއީ ބޯޑުގެ މިނިވަންކަން ކަށަވަރުކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.