ބިން ހިއްކުމުގެ މަސައްކަތްތައް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ޕްލޭންތަކެއް ދަނީ ހަދަމުން: އެމްޓިސީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 11ސ
ބިން ހިއްކުމުގެ މަސައްކަތްތައް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ޕްލޭންތަކެއް ދަނީ ހަދަމުން: އެމްޓިސީސީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުތަކުގައި ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ހާއްސަ ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއަށް ދެއްވި މައުލޫމާތެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، އެ ކުންފުންޏާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫއުތަކުގެ ތެރޭގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކެއް ހިމެނޭ ކަމަށެވެ. މި މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުންފުނީގެ އެންމެ ބޮޑު ޑްރެޖަރު ކަމަށްވާ 'މަހާ ޖައްރާފު' އާއެކު ޖުމްލަ 6 ޑްރެޖަރެއް މިހާރުވެސް އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދާ ކަމަށް ސައުދީ ފާހަގަކުރެއްވިއެވެ.

ބިން ހިއްކުމުގެ މަސައްކަތްތަކާ ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން ސައުދީ ވިދާޅުވީ، ހޮޕާ ޑްރެޖަރެއް ބޭނުންކޮށްގެން އިތުރު 16 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކަން ޖެހިފައިވާ ކަމަށެވެ. މި މަސައްކަތް ނިންމުމަށްޓަކައި އިތުރު ޑްރެޖަރެއް ކުއްޔަށް ހޯދުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރުގެ ބާޒާރުގެ ހާލަތަށް ބަލާއިރު 10 މަސް ދުވަހުގެ މުއްދަތަށް ޑްރެޖަރެއް ކުއްޔަށް ނަގާނަމަ ބޭރުގެ ކުންފުންޏަކަށް 105 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ މިއީ މާލީ ގޮތުން ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ނަމަވެސް، ބިން ހިއްކުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންގޮސް ނިންމާލުމަށްޓަކައި ޕްލޭންތަކެއް ހަދައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ސައުދީ ވިދާޅުވީ، "ކަޓަރ ސަކްޝަން ޑްރެޖަރ އަދި ހޮޕާ ޑްރެޖަރ މި ބޭނުން ކުރަނީ. ކަޓަރ ސަކްޝަން ޑްރެޖަރ ބޭނުންކޮށްގެން ތުޅާދޫއާއި ލ. މާވައް ހިއްކަމުން ދަނީ. އަދި މަޑަވެއްޔާއި ފަރެސްމާތޮޑާ ހިއްކުމުގެ މަސައްކަތްތައް ކުރަމުންދާނެ. މަހާ ޖައްރާފް ބޭނުން މި ކުރަނީ ގިިރިފުށި ހިއްކުމުގެ މަސައްކަތަށް."

އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫއުތަކަކީ ރަށްރަށުގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އިސްކަންދޭ މުހިންމު މަސައްކަތްތަކެކެވެ.

މިއަދު އޮންލައިން